31 Dec 2015, 23:02
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މާބަނޑު މީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އުސޫލު މިއަދު ސަރުކާރުން އާއްމުކޮށްފި އެވެ.
މިއަދު އާއްމުކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.
މާބަނޑު މީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުގައި މާބަނޑު މީހުންގެ ކެޓަގަރީތަކެއް ބަޔާންކޮށްފައިވެ އެވެ.
މާބަނޑު މީހުން ބެހިފައިވާ ކެޓަގަރީތައް:
- ހައި ރިސްކު ކެޓަގަރީ (ނާޒުކު ހާލަތް)
- ލޯ ރިސްކު ކެޓަގަރީ (އާދައިގެ ހާލަތް)
އެ ކެޓަގަރީތަކުގެ ތެރެއިން ހައި ރިސްކު ކެޓަގަރީއަށް ފެތޭ މީހުންނަކީ މާބަނޑު ވުމާއި ގުޅިގެން އެއްވެސް ބާވަތެއްގެ މަސައްކަތް ނުކުރުމަސް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުންނެވެ. އަދި ލޯ ރިސްކު ކެޓަގަރީ މީހުންނަކީ މާބަނޑުވުމުގެ ސަބަބުން ވަކި ވަގުތެއްގައި އުނދަގޫތަކެއް ކުރިމަތިވާ މުވައްޒަފުން ނެވެ.
ހައި ރިސްކު ކެޓަގަރީ މުވައްޒަފުންނަށް ދެވޭ ލުއިތައް:
މާބަނޑު ދުވަސްވަރު އެއްވެސް ކަހަލަ މަސައްކަތެއް ނުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ނަމަ ޑޮކްޓަރުގެ ލިޔުމެއް އޮފީހަށް ހުށަހެޅުމުން ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ހަމަޖެހިގެން ދާނެ އެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް މުވައްޒަފު ބޭނުންނަމަ އެ މުއްދަތު ހަމަވުމުގެ އެއް ހަފްތާ ކުރިން އިތުރު ތިން މަސް ދުވަހަށް އެދެވިދާނެ އެވެ.
ލޯ ރިސްކު ކެޓަގަރީ މުވައްޒަފުންނަށް ދެވޭ ލުއިތައް:
މާބަނޑު ދުވަސްވަރު ވަކި ވަގުތެއްގައި އުނދަގޫތަކެއް ކުރިމަތިވާ މުވައްޒަފުން ޑޮކްޓަރު ދީފައިވާ ލިޔުމާއި އެކު އުސޫލުގައިވާ ގޮތުގެ މަތީން ލުއިގޮތް ހޯދައި ދިނުމަށް ހުށަހެޅޭނެ އެވެ. އެގޮތުން ދެ މަސްދުވަހުގެ ކުރުނޫން މުއްދަތެއް ދެވިގެންދާނެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރު ކުރުމަށް ވެސް ހުށަހެޅިގެންދާނެ އެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް މުވައްޒަފު ބޭނުންނަމަ އެ މުއްދަތު ހަމަވުމުގެ އެއް ހަފްތާ ކުރިން އިތުރު ތިން މަސް ދުވަހަށް އެދެވިދާނެ އެވެ.
އުޖޫރަ ދިނުން:
އުސޫލުގައި ބުނެފައި ވަނީ ހައި ރިސްކު ކެޓަގަރީ މުވައްޒަފުންނަށް ލުއިގޮތް ހަމަޖައްސައި ދެވޭ މުއްދަތުގައި އެ މުވައްޒަފުންނަށް އުޖޫރައެއް ނުދެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އެއީ އެ މުވައްޒަފުންނަކީ އެއްވެސް ކަހަލަ މަސައްކަތެއް ނުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މުވައްޒަފުންނަށް ވާތީ ކަމަށެވެ.
އުސޫލުގައި ބުނެފައި ވަނީ ލޯ ރިސްކު ކެޓަގަރީ މުވައްޒަފުންނަށް ލުއިގޮތް ހަމަޖައްސައި ދެވޭ މުއްދަތުގައި އުސޫލުގައި ބަޔާންކޮށްފައިވާ ބާވަތުގެ މަސައްކަތެއް ގޭގައި ތިބެގެން ކުރެވޭނެކަމަށް ލޯ ރިސްކު މުވައްޒަފުން އެއްބަސްވާނަމަ އެ މުވައްޒަފަކާއި މެދު އެއްބަސްވުމެއް ވެވޭނެ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމާއި އެއްގޮތަށް އުޖޫރަ ދެވިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ގިނަވެގެން ދެވޭނީ މުވައްޒަފުގެ އަސާސީ މުސާރަ އަށް ވުރެ އިތުރު ނުވާ ގޮތަށެވެ.
ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތައް:
- ތަފާތު ދާއިރާތަކުން ކުރަންޖެހޭ ދިރާސާ ކުރުން
- ސާވޭތައް ހެދުން
- ފައިނޭންޝިއަލް އެނަލިސިސް ހެދުން
- އެކި ބާވަތްތަކުގެ ލިޔުންތައް ދިވެހި ބަހާއި އިނގިރޭސި ބަހަށް ތަރުޖަމާ ކުރުން
- އެކި ބާވަތުގެ ސޮފްޓުވެއާ ލިޔުމާއި ބޭނުން ކުރަމުންދާ ސޮފްޓުވެއާ އަށް ބަދަލު ގެނައުން
- ވެބްސައިޓު ފަރުމާ ކުރުމާއި ވެބްސައިޓަށް ބަދަލު ގެނައުން
- މަސައްކަތްތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޑިޒައިންތަކާއި މޮޑެލްތައް ތައްޔާރު ކުރުން
- ގާނޫނަތައް ޑްރާފްޓް ކުރުމާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ކޮންސެޕްޓް ކަރުދާސްތައް ތައްޔާރުކުރުމާއި އެކިއެކި ގާނޫނުތަކާ ގުޅޭ ދިރާސާކުރުން
ލުއިގޮތް ހަމަޖައްސައިދޭ ދުވަސްވަރު ގޭގައި ތިބެގެން ނުކުރެވޭނެ ކަންކަން:
- ސިއްރުގެ ގޮތުގައި ކަނޑައަޅައިގެން ކުރާ މަސައްކަތްތަކާއި މަސައްކަތްތަކުގެ ސުންގަޑި ކަނޑައަޅައިގެން ކުރާ ގައުމީ ފެންވަރުގެ މަސައްކަތްތަކާއި ޓާސްކްފޯސް ހަދައިގެން، ގަވައިދުން ބައްދަލުވުންތައް ބާއްވައިގެން ކުރާ ބާވަތުގެ މަސައްކަތްތައް
- ހިދުމަތްދޭ ކޮށިގަނޑު (ކައުންޓަރު)ގައި ތިބެގެން ހިދުމަތްދޭ ގޮތަށް ރޭވިފައިވާ ބާވަތުގެ މަސައްކަތް
- ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ކޮންމެ ދުވަހަކު ތަކުރާރުކޮށް އެއްގޮތަށް ރޫޓިންކޮށް ކުރަންޖެހޭ ބާވަތުގެ މަސައްކަތް
- ރައްކާތެރިކަމުގެ ގޮތުން ވަކި މާހައުލެއްގައި ނޫނީ ނުކުރެވޭނެ މަސައްކަތްތަކާއި ވަކި މާހައުލެއްގައި ނޫނީ ނުގެންގުޅެވޭނެ ސާމާނާއި އާލާތްތައް ބޭނުންކުރަންޖެހޭ ފަދަ މަސައްކަތްތައް.