ފުވައްމުލަކުގައި ރޭ ޒަޚަމް ކޮށްލި ޒުވާނާ މާލެ ގެނައުމުގެ މަސައްކަތް އޭނާގެ އާއިލާއިން ފަށައިފި އެވެ. ރޭ ވަޅިހަރައި ޒަޚަމްކޮށްލި އެރަށު ދޫޑިގަމް އަވަށު އަނދުންގޭ އަހުމަދު ޖިހާދު 29، ގެ އާއިލާގެ މެންބަރަކު ސ. ހިތަދޫ ހޮސްޕިޓަލުގެ ހުރެ ބުނީ ޖިހާދުގެ ހާލު ސީރިއަސް ކަމުން އަވަސް ފަރުވާއަށް މާލެ ގެންދަން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށެވެ. ޖިހާދުގެ ފުއްޕާމެއަށް ލޭ އެޅުމުންދާތީ އެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދެވެން ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އާއިލާގެ މެންބަރު ބުންޏެވެ.

ރޭގެ ހަމަލާގައި ޖިހާދުގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަޅި ޖަހާފައިވާއިރު ހަށިގަނޑުގެ އެއް ދިމާލަކުން އެއް އިންޗި ފުންމިނަށް ވަނީ ވަޅި ހަރައި ޒަހަމްކޮށްލައިފަ އެވެ. އެ ހަމަލާގައި ޖިހާދުގެ ބޮލަށް ވެސް ވަނީ ވަޅިޖަހާފައި ވެއެވެ.

ވަޅީގެ ހަމަލާ އަށްފަހު އެންމެ ފުރަތަމަ ޖިހާދަށް ފަރުވާދިން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޖިހާދަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފުއްޕާމެއަށް ގެއްލުންވެފައިވާ ކަމަށާއި ހަށިގަނޑުގެ އެތެރެއަށް އެޅިފައިވާ ލޭތައް ބޭރުކުރުމަށްޓަކައި ރޭ އެ ހޮސްޕިޓަލުން ހޮޅިއެއް ވެސް ގުޅި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޖިހާދަށް ބަޔަކު ހަމަލާދީފައިވަނީ އޭނާގެ މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިތާ ގަޑިއެއްގެ އިރުތެރޭ ގަ އެވެ. އަދި އެއީ ކުޑަ އަންހެންކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލަ އެއްގައި ކަމަށް ވެސް ވަނީ ސަންއަށް އެނގިފައެވެ.

ރޭގެ މާރާމާރީ އާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މާރާމާރީއަށް ފަހު ފުލުހުން ގެންދަނީ ފުވައްމުލަކުގައި ފޯރި މަރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ.

ފުވައްމުލަކުގައި މީގެ ދެމަސް ކުރިން ވަނީ ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. އަދި އޭގެ ހަތަރު މަސް ކުރިން ވެސް އެރަށުގެ ވިޔަފާރިވެރިޔަކަށް ހަމަލާދީ ވަރަށް ބޮޑަށް ވަނީ ޒަހަމްކޮށްލާފަ އެވެ.