ދެހާސް ފަރަވަނަ އަހަރަކީ ރާއްޖެއަށް ވަރަށް ކާމިޔާބީ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި ރައީސް ޔާމީން މިރޭ ދެއްވި ޚިތޯބެއްގައި ވިދާޅުވީ 2015 އަހަރު ވެގެންދިޔައީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި އެކަލާނގެ އިރާދަފުޅާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި އަހަރެއްގެ ގޮތުގައި ކަމަށެވެ.

ހަމައެންމެ 2015 ވަނަ އަހަރުވެގެން ގޮސްފައި ވަނީ ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީތަކެއް 2015 ވަނަ އަހަރު ލިބިގެންދިޔައިރު، އެއީ އިގްތިސާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް ކަމަށެވެ.

މީލާދީ އާ އަހަރު ފެށިގެން ދަނީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ، މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫއު އިފްތިތާހުކުރެވި، އެމަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އުފާ ހިއްސާކުރަމުންދާ ވަގުތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ރައީސް ޔާމީނާއި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

"މިއީ، އަޅުގަނޑުމެންގެ އެތަކެއް އުންމީދުތަކެއް، މި ބްރިޖާ ގުޅި ވަނީ ލާމެހިފައެވެ. އަދި މި ބްރިޖް ވެގެންދާނީ، ދިވެހިރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި އާރާސްތު ކުރެވޭ އެންމެ ވަރުގަދަ ބިނާއަށެވެ. އިރާދަކުރެއްވިއްޔާ، މި ބްރިޖްގެ އަމަލީ މަސައްކަތްތައް ނިމި، 2018 ވަނަ އަހަރު ބްރިޖް ހުޅުވިގެންދާނެ ކަމުގެ ޔަގީންކަން، ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައިވެސް އުފަލާއެކު އަޅުގަނޑު އަރުވަމެވެ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން 2016 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަކީވެސް، މުޅި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުންތަކަށް އެތައް މަގުތަކެއް ފަހިކޮށްދޭނެ ބަޖެޓެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބަޖެޓުގެ ސަބަބުން 2015 ވަނަ އަހަރަށްވުރެ ގިނަ މުހިންމު ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާނެ ކަމަށެވެ. އަދި މިހާރު ފަށާފައިވާ ބައެއް މަޝްރޫއުތައް ނިމި، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ އަހަރަކަށްވެސް 2016 ވަނަ އަހަރު ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށި ހިނގަމުންދާއިރު، އެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ނުހަނު ބޮޑަށް ބޭނުންވާ ވާހަކަވެސް މިފުރްސަތުގައި އަޅުގަނޑު މި ދަންނަވަނީ އުންމީދާއެކުގައެވެ،" ރައީސް ވިދާޅުވިއެވެ.

އާ އަހަރަކީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރުކަންވެސް ރައީސްގެ ޚިތޯބުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދިޔުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ބޮޑެތި މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސް، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބިގެންދާނެއެވެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތަރައްގީއަށްޓަކައިވެސް 2016 ވަނަ އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ފެށިގެންދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"2016 ވަނަ އަހަރަކީ، އިރާދަކުރެއްވިއްޔާ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، ގައުމީ ތަރައްގީގެ މަގުގައި އިތުރު ކުރިއެރުންތައް ހާސިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެއެވެ،" ރައީސް ވިދާޅުވިއެވެ.

މީލާދީ އާ އަހަރާ ބައްދަލުކުރާ މިއުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ތަހުނިޔާ ދަންނަވައި، އާ އަހަރުގެ ހެޔޮއެދުންތައް ރައީސް ވަނީ އަރިސްކުރައްވައިފައެވެ.