02 Jan 2016, 02:29
ކޭޕްޓައުން (ޑިސެމްބަރ 31): ސައުތް އެފްރިކާގެ ތެމްބޫ ގަބީލާގެ ރަސްގެފާނު، ބުޔެލޭކަޔާ ޑާލިންޑިޔެބޯގެ މައްޗަށް މީހަކު ވަގަށް ނެގުމާއި، އަނިޔާކުރުމާއި، ގެޔެއްގައި ރޯކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް މިއަދު ތަންފީޒު ކުރަން ފަށައިފި އެވެ.
ރަސްގެފާނު ޑާލިންޑިޔެބޯ ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އިއްޔެ ފުލުހުންނާ ހަވާލުވެފައި ވަނީ އޭނާގެ މައްސަލަ އަނެއްކާވެސް ބެލުމަށް ކޯޓަށް ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ބަލައިނުގަތުމުންނެވެ. ޑާލިންޑިޔެބޯގެ މައްޗަށް އެންމެ ފުރަތަމަ ހުކުމް ކުރީ 2009 ވަނަ އަހަރު 15 އަހަރަށެވެ. ނަމަވެސް އިސްތިއުނާފުގެ ދަށުން މިއަހަރުގެ އޮކްޓޯބަރު މަހު އޭނާގެ ހުކުމް ވަނީ 12 އަހަރަށް ކުރުކޮށްފަ އެވެ.
ރަސްގެފާނުގެ މައްޗަށް ޖަލު ހުކުމް ކޮށްފައި ވަނީ މީގެ ވިހި ވަރަކަށް އަހަރު ކުރިން ހިންގާފައިވާ ޖަރީމާ ތަކަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ސާބިތުވީ އަންހެނަކާއި އޭނާގެ ހަ ކުދިން ވަގަށް ނަގައި، އެމީހުން ދިރިއުޅެމުން އައި ގޭގައި ރޯކޮށް، ހަތަރު ޒުވާނުންނަށް އަނިޔާކުރި ކަމުގެ ކުށެވެ. އަނިޔާ ކުރި ހަތަރު ޒުވާނުންގެ ތެރެއިން އެކަކު ވަނީ އެނާއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ނިޔާވެފަ އެވެ. އެމީހުންނަށް އަނިޔާކޮށްފައި ވަނީ އެއާއިލާގެ ގާތްތިމާގެ މީހަކު ރަސްގެފާނުގެ ކޯޓަށް ހާޒިރުނުވުމުން ކަމަށްވެ އެވެ.
ކޯޓު އަޑުއެހުންތަކުގައާއި ޖަލު ހުކުމަށް ފަހު ވެސް ޑާލިންޑިޔެބޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ދޮގުކޮށްފަ އެވެ. އަދި އޭނާގެ ރަސްކަމުގެ ދަށުގައި ތިބި މީހުންނަށް އަދަބު ދީފައިވާނަމަ، ދީފައިވާނީ ގާނޫނާއި އެއްގޮތަށް ކަމަށް ބުނެފަ އެވެ.
ތެމްބޫ ގަބީލާއަކީ ސައުތް އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ކަމަށްވާ ނެލްސަން މަންޑޭލާ ނިސްބަތްވެ ވަޑައިގެންނެވި ގަބީލާ އެވެ.