ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ކަނޑައެޅެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސިޔާސީ ޕާޓީތައް އަލަށް އުފެއްދި ދުވަސްވަރު ފިންގަޕްރިންޓް ނުޖަހައި ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އަދި ސިޔާސީ ޕާޓީތައް އަލަށް އުފެއްދި ދުވަސްވަރު ފިންގަޕްރިންޓް ނުޖަހައި ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހަ މަސް ދުވަހުގެ މުއްދަތު މިއަދު 3:00 ށް ވަނީ ހަމަވެފަ އެވެ.

މިހާރު ފިންގަޕްރިންޓް ޖެހުމަށްފަހު ފޯމު ހުށަނާޅާ ފަރާތްތައް ޕާޓީގެ މެމްބަރު ކަމުން ވަކި ވާނެއެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެމްބަރުން ދަފްތަރުން އުނި ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ބުނެ އެމްޑީޕީ އާ ޑީއާރުޕީން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. އަދި އިިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ، އިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދެވެން ނެތް ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ފިންގަޕްރިންޓް ހުށަނާޅައިފި ނަމަ އެންމެ ގިނަަ އަދަދެއްގެ މެމްބަރުން ވަކިވާނީ، މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އިން ނެވެ. އެގޮތުން 23،000 އެއްހާ މެމްބަރުން ވަކިވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އެކި ޕާޓީތަކުން ފިންގަޕްރިންޓާ އެކު ފޯމު ހުށަހަޅާފައި ވާކަމަށާއި، އެހެންކަމުން މެމްބަރުންގެ އަދަދަށް އައި ބަދަލު އަދި ނޭނގޭ ކަމަށް އިލެކްޝަނުން ބުނެ އެވެ.

އިލެކްޝަނުން ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ މިއަދާ ހަމައަށް އެކި ޕާޓީތަކުން ގިނަ އަދަދެއްގެ ފޯމު ލިބިފައިވާ ކަމަށާއި، ލިބިފައި ވަނީ ކިހާ އަދަދެއްގެ ފޯމެއް ކަމެއް އަދި ފޯމު ހުށަހަޅާފައި ވަނީ ކޮން ޕާޓީތަކަކުން ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

އެހެންކަމުން މިވަގުތު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވަކި މިވެނި ޕާޓީއެއް ކަމުގައި ކަނޑައެޅެން ނެތް ކަމަށް އިލެކްޝަންސް އިން ބުނެ އެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހު ގެ ތެރޭގައި ފޯމުތަކުގެ ސައްހަކަން ބެލުމަށްފަހު އެ މައުލޫމާތު އާންމު ކުރާނެ އެވެ.

މިވަގުތު 46،608 މެމްބަރުންނާ އެކު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތީ އެމްޑީޕީ އެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 36،236 އެވެ.