ޓްރިވެންޑްރަމް، އިންޑިއާ (31 ޑިސެމްބަރު) -ރާއްޖޭގެ ފުޓްބޯޅަ ވަރުގަދަކޮށް އާ ކުޅުންތެރިން އުފެއްދުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގައުމީޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން 3-2 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗް ރިކީ ހާބަޓް ބުނީ، ރާއްޖެއިން ކުޅުނީ ވަރުގަދަ ލީގެއްގައި ކުޅޭ ކުންތެރިންނާ ދެކޮޅަށް ކަމަށާއި އަދި އެ ކުޅުންތެރިންނަކީ ގަވައިދުން ދާއިމީކޮށް ޓްރޭނިން ފުރިހަމަ ކުރާ ކުޅުންތެރިން ކަމަށެވެ.

އެހެންވެ ރާއްޖެއިންވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގައުމީ ކޯޗް ބުންނެވެ.

ގިނަ ޢަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ވަރުގަދަ މެޗްތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދޭންޖެހޭ ކަމަށް ކޯޗް ހާބަޓް ބުންޏެވެ.

ކޯޗް ބުނީ، ރާއްޖެއިން އޮތީ ފުޓްބޯޅަ ތަރައްޤީކުރުމަށް ކުރިއަށް އޮތް ދެ އަހަރުތެރޭގައި އާ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިކަމަށާއި ޓީމު ބިނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި ކުރިއަށްދާނެ ކަމަށެވެ.

މިމުބާރާތުގައި ރާއްޖެއިން ފެނުނު ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ޓީމުން އެކުޅުންތެރިންނަށް ފުރުސަތު ދެވުމުން ހިތް ހަމަޖެހޭ ކަމަށް ވެސް ކޯޗު ބުންޏެވެ.

އަދި މި މުބާރާތުގައި އެ ކުޅުންތެރިންނަށް ބައެއް މިސްޓޭކުތައް ހެދިފައިވީ ނަމަވެސް ކުރިއެރުން ލިބައިވާ ކަމަށް ކޯޗް ބުންޏެވެ.