31 Dec 2015, 17:56
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް އެޕާޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެމްޑީޕީން އޭނައަށް އަންގައިފިއެވެ.
މޫސަ މިއަދު ސަން އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެންގުމަށް ތަބާވުމުގެގޮތުން އޭނާގެ މެމްބާޝިޕް ފޯމުގައި ފިންގާ ޕްރިންޓުޖެހުމަށްފަހު އެމްޑީޕީގެ އޮފީހަށް ހުށަހެޅުމުން އެ ފޯމް ބަލައިގަނެވެން ނެތް ކަމަށް މިއަދު އެޕާޓީން އަންގާފައިވާ ކަމަށެވެ.
"ޕާޓީއަށް ރީކޯ މޫސަ ވައްދަން ބޭނުމެއް ނޫނޭ ކިޔާފަ އަޅުގަނޑު ހުށަހެޅި ފޯމް އަނބުރާ އަޅުގަނޑަށް މިއަދު ފޮނުވާލީ،" މޫސަ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން އެމްޑީޕީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މޫސަ އެމްޑީޕީން ވަކިކޮށްފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަކިކުރުމަށް މަޖިލީހުން ނެގި ވޯޓުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ޚިލާފުވި ކަމަށް ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާގޮތުން ރީކޯ މޫސަ އަކީ އަދިވެސް އެމްޑީޕީގެ މެމްބަރެކެވެ.