Last Updated: 10 year 11 month ago

ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުންއަހްމަދު މުޖްތަބާ، ހުސައިން ހަބީބު.
ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި އަފްޣާނިސްތާނާ ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިއަދު ސްރީ ލަންކާ އަތުން 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފައިނަލުގައި އަފްޣާނާ ވާދަކުރާނީ އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް އެޓީމާ ވާދަކުރި އިންޑިއާ އެެވެ.
އިންޑިއާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ، ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު މެންދުރުފަހު، އިންޑިއާގަޑިން 3:30ގައި ކުޅުނު މެޗުން ރާއްޖެ އަތުން 3-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެނެވެ.
ދެވަނަ ސެމީގައި މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އަފްޣާން ޓީމުން ލަނޑު ޖަހާނޭ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ލަންކާ ޓީމުން ވަނީ، ފުރަތަމަ 45 މިނިޓްގެ ކުޅުން ނިމެންދެން އަފްޣާން ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފައެވެ.
އަފްޣާނަށް ލަންކާގެ ގޯލް ހުޅުވާލަދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ދެވަނަ މިނިޓްގައި މުހައްމަދު ހާޝިމީ ސައީދުއެވެ. މާސިހް ސައިޣާނީ ބޮލުން ޖަހައި، ލަންކާ ގޯލް އޭރިޔާގެ ބޭރު ރޮނގުމަތީގައި ހުރި ހާޝިމީއަށް ޖަސާލި ބޯޅަ އޭނާ ވަނީ ގޯލްގެ ހުރަސް ދަޑީގެ ތިރިން ދާގަނޑަށް ފޮނުވާލައިފައެވެ.
އަފްޣާންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ 50 ވަނަ މިިނިޓްގައި ކަނިޝްކާ ޠަހީރުއެވެ. ކަނިޝްކާ ލަނޑު ޖެހީ ލަންކާ ޕެނަލްޓީ އޭރިޔާ ތެރޭން އޭނާއަށް އޮމިޑް ޕޮޕަލްޒީ ޖައްސާލި ބޯޅަ ވަރަށް ރީތިކޮށް ގޯލްދާގަނޑުގެ މެދަށް ފޮނުވާލައިގެންނެވެ.
މެޗުގެ 56 ވަނަ މިނިޓްގައި އަފްޣާން ޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ޚައިބަރު އަމާނީއެވެ. އެ ލަނޑާއެކު ޚައިބަރު ވަނީ މުބާރާތުގައި މިހާތަނަށް ޖުމުލަ 4 ލަނޑު ކާމިޔާބުކޮށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުހޯދައިފައެވެ. އަފްޣާނަށް ޕެނަލްޓީ ލިބުނީ، ލަންކާގެ ޑިފެންޑަރު އެމް ހަކީޕް އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ޕޮލްޒީއަށް ފައުލުކުރުމާ ގުޅިގެންނެވެ.
އަފްޣާން ޓީމަށް 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެެ ގޮތުގައި ކުޅެން އެރި، އަހްމަދު އާރާޝް ހަތީފީއެވެ. މެޗުގެ 78 ވަނަ މިިނިޓްގައި އޭނާ އެ ލަނޑު ކާމިޔާބުކުރީ، ލަންކާ ހާފްގެ މެދެއްހާ ހިސާބުން އަފްޣާނަށް ލިބުނު ހިލޭ ޖެހުމަކުން ޠާހިރު، ލަންކާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނިޓެއް ބާކީ އޮއްވައި އަފްޣާން ކެޕްޓަން ފައިސަލް ސައެސްތާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 ލަނޑަށް ބަދަލުކޮށްފައެވެ. އަރާޝް ހަތީފީ ލަންކާގެ އޭރިޔާ ތެރޭގައި ހުރެފައި، އޭރިޔާގެ ބޭރުގައި ހުރި ފައިސަލަށް ވަރަށް ރީތިކޮށް ޖައްސާލި ބޯޅަ ފައިސަލް ވަނީ ހަމަ އެހާ ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މެޗު ފަށާނީ، އާދީއްތަ ދުވަހުގެ ހަވީރު އިންޑިއާ ގަޑިން 6:30ގައެވެ.