ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބަލަން ޑިޕާޓަމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިއްޔެ ފެށި ޚާއްސަ އޮޕަރޭޝަންދަށުން ގަވާއިދާ ޚިލާފުވި 26 ފިހާރައެއް މިއަދު ހަ ގަޑއިރުގެ ތެރޭގައި ހޯދައި ޖޫރިމަނާކޮށްފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ސަން އަށް ވިދާޅުވީ މިއަދު 9:00 ގައި ފެށި އެ މަސައްކަތުގައި 50 ފިހާރައެއް ބަލައި ޗެކްކޮށްފައިވާނެ ކަމަށެވެ. އެގޮތުން އޭގެތެރެއިން 26 ފިހާރައެއްގައި ބިދޭސީ ސޭޓުން ބައިތިއްބާފައިވާތީ އެ ފިހާރަތައް 10،000 ރުފިޔާއިން މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ބިދޭސީ ސޭޓުން ބޭތިއްބުމުގެ އިތުރުން ގަވާއިދާ ޚިލާފު އެހެންކަންތައްތަކެއް ވެސް މިއަދު ޗެކްކުރި ބައެއް ފިހާރަތަކުން ފެނުނު ކަމަށެވެ. އެގޮތުން ބައެއް ފިހާރަތަކުގައި ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ވިޔަފާރި ހުއްދަ އާންމުކޮށް ފެންނާނެހެން ބަހައްޓާފައިނުވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަންކަން ފާހަގަކުރެވިފައިވާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަޅުގަނޑުމެން އެކަން އަންގާނަން،" ޚަލީލް ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގެ ދަށުން އިއްޔެ ބިދޭސީ ސޭޓުން ތިބި ހަ ފިހާރައެއް އެއްގަޑިއިރުގެ ތެރޭގައި ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.