13 Apr 2011, 12:29
ނުރައްކާތެރި ގައިދީން ވަކިން ގެންގުޅުމާ ބެހޭ ގޮތުން ކަމާ ބެހޭ ކްރައިމް ޕްރިވެންޝަން ކޮމެޓީން ކަމާބެހޭ ފަރާތްތާ މަޝްވަރާކޮށްފި އެވެ.
ކޮމިޓީގެ ޗެއާމަން އަދި ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު އަމީން ފައިސަލް ވިދާޅުވީ ނުރައްކާތެރި ގައިދީން ކެޓަގަރައިޒްކޮށް ވަކިން ގެންގުޅުމާ ބެހޭ ގޮތުން ކޮމެޓީން މަޝްވަރާކޮށްފައި ވަނީ ހޯމް މިނިސްޓްރީއާ ޑީޕީއާރްއެސްއެކުގައި މިދިޔަ އާދީއްތަ ދުވަހު ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އަމީން ވިދާޅުވީ އެ ބައްދަލުވުމުގައި ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރުން އެފަދަ ގައިދީން ހުކުމް ތަންފީޒު ކުރާއިރު ރިހިބިލިޓޭޓް ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި މާރާމާރީއާ ވައްކަމާ މީހުންމެރުން ފަދަ ބޮޑެތި ކުށް ތައްކުރާ މީހުން ޖަލަށް ވެއްދުމަށްޓަކައި ކުރެވެން ހުރީ ކޮންކޮން މަސައްކަތްތަކެއްތޯ ވެސް ބަލާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ހުރި ޖަލުތަކުގެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ ކުރުމަށާއި، ޖަލުތަކުގެ ޖާގައިގެ އަދަދު އިތުރުކުރުމަށް ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ސަރުކާރުގެ މައި ޖަލުގައި ހައިސެކިއުރިޓީ ގައިދީން މިހާރު ވެސް ތިބި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ހައި ސެކިއުރިޓީ ގައިދީން ބައިތިއްބަން މާފުށީ ޖަލުގައި ވަކިތަނެއް ހާއްސް ކުރާނެ ކަމަށެވެ.
"ޖަލުތަކުގައި ޖާގަނެތިގެން ގައިދީން ޖަލުތަކަށް ނުފޮވައެއް ނުތިބޭނެ. ސަލާމަތީ ސަބަބުތަކަށްޓައި ހައިސެކިއުރިޓީ ގައިދީން ތިބޭނީ މާފުށީ ޖަލުގެ މިވެނިތަނެކޭ ބުނެދެކަށް ނެތް. މިހާރުވެސް ކޮންމެވެސް ވަރަކަށް ހައިސެކިއުރިޓީ ގައިދީން ވަކިކޮށްފައި ތިބޭނީ،" އާދިލް ވިދާޅުވި އެވެ.
ކުށްވެރިން ބޭތިއްބުމަށް މާލޭގައި އެންމެފަހުން ހެދި އަތޮޅު ވެހީގައި 100 ޖާގަ، މާފޫށީ ޖަލުގައި 460 ޖާގައި އަދި އައްސޭރި ޖަލުގެ 120 ޖާގަ އޮވެ އެވެ. ނަމަވެސް މާފުށީ ޖަލުގައި 60 އަދި މާލޭ ޖަލުގައި 112 ކުށްވެރިން ޖާގައިގެ އިތުރުން އެބަތިބި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ކ. ހިންމަފުށީގައި ހުންނަ ގާމާދޫ ޖަލުގައި ރޯކޮށްލި ހާދިސާއަށްފަހު ސަރުކާރުން ގައިދީން ބޭތިއްބުމަށް ކ. މާފުށީގައި ޤާއިމްކުރި ޖަލަށްލަށް ގެއްލުންތައް ދިނުމަށްފަހު ދެ ފަހަރެއްގެ މަތިން މާފުށީ ޖަލުގައި ރޯކޮށްލާފައި ވެއެވެ.