ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ސަރަހައްދުގައި އިސްލާމީ މަރުކަޒެއް އެޅުމާ ގުޅޭ ގޮތުން ތިނަދޫ ކައުންސިލުން އެރަށު ރައްޔިތުންނާ މަޝްވަރާ ކުރަން ނިންމައިފިއެވެ.

ރައްޔިތުންނާ މަޝްވަރާ ކުރަން ނިންމީ އިސްލާމީ މަރުކަޒު އަޅަން ނިންމާފައިވާ ސަރަހައްދުން އާސާރީ ބިނާއެއް ފުނުމާ ގުޅިގެންނެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ ނަސީރު މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ނިންމީ އެކަމާ ގުޅިގެން ސަރުކާރުން ފޮނުވި ވަފްދުގެ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ކަމަށެވެ.

ސަރުކާރުން ތިނަދޫއަށް ފޮނުވި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، އިސްލާމިކު މިނިސްޓަރުގެ ނައިބު އައްޝައިޚް އިބްރާހީމް އަހްމަދާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އާއި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޔުމްނާ މައުމޫނާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބާއި ދިވެހި ބަހުގެ އެކަޑެމީގެ ނައިބު ރައީސް ރާފިއާ އަބްދުލް ގާދިރު އާއި ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމެވެ.

ސަރުކާރުގެ ވަފްދުގެ ބޭފުޅުން މިއަދު ތިނަދޫ ކައުންސިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ތިނަދޫ ކައުންސިލް

ނަސީރު ވިދާޅުވީ، އެ ސަރަހައްދުގައި އެޅުމަށް ނިންމި އިސްލާމީ މަރުކަޒު އެެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

"ސަރުކާރުގެ ވިސްނުން ހުރީ ބޮޑަށް ހަމަ ހެރިޓޭޖު ބިމެއްގެ ގޮތުގައި އެތަން ތަރައްގީ ކުރަން. އެތަނުގައި ނަމާދު ކުރެވޭ ކަހަލަ އިމާރާތެއް އެޅިފައި އަދި އޭގެ އިތުރަށް ހެރިޓޭޖު ބޭނުންވާ ކަހަލަ ޕާކެއް ހެދުމަށް،" ނަސީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ މިނިސްޓްރީ ތަކުގެ ޓީމަށް ތިނަދޫ ހިއްކި ސަރަހައްދުން ދެތިން ބިމެއް ދައްކާފަ. އެބޭފުޅުން ވެސް ހިތް ހަމަޖެހޭ"

އެހެންނަމަވެސް އެކަމާމެދު ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރަން ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ނިންމާފައިވާ ސަރަހައްދުން އާސާރީ ބިނާއެއް ފެނިފައި ވަނީ މިމަހު ކުރީ ކޮޅުގައި އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.