31 Dec 2015, 14:53
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މަސަލާގައި އިތުރު ހަމީހެއްގެ ހެކިބަސް ހައިކޯޓުން މިއަދު ނަގައިފި އެވެ.
މީގެ ކުރިން ބޭއްވި އަޑު އެހުމުގައި ދެ ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ. މިއަދު ބޭއްވި އަޑު އެހުމުގައި ހެކިބަސް ނަގާފައި ވަނީ ނާޒިމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން ނާޒިމްގެ ބޮޑީގާޑެއްގެ ގޮތުން މަސައްކަތް ކުރި ދެމީހުންނާއި ނާޒިމްގެ ޑްރައިވަރެއްގެ ގޮތުން މަސައްކަތް ކުރި ދެމީހުންގެ އެވެ.
އޭގެ އިތުރުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ ދަބަސް އަދި ވަޒަނުގެ ފިންގަޕްރިންޓް ރިޕޯޓު ތައްޔާރު ކުރި ޕޮލިސް ޗީފް އިންސްޕެކްޓަރު އުޝާމަތު މުހައްމަދުގެ ހެކިބަހާއި އޮޕްރޭޝަންތައް ސުވޮޓުން ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު މުސްލިހުގެ ހެކިބަސް ވަނީ ނަގާފަ އެވެ.
މިއަދުގެ އަޑު އެހުމުގެ ނާޒިމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ތެރެއިން ނާޒިމްގެ ދެ ބޮޑީގާޑުންނާއި ސެކިއުރިޓީން ފާހަގަކޮށްފައި ވަނީ ނާޒިމްގެ އެޕާޓްމެންޓަކީ ނާޒިމު އާއި އާއިލާ ނޫން އެހެން މީހުންނަށް ވެސް ވަދެވޭގޮތަށް ހުންނަ އެޕާޓްމެންޓެއް ކަމަށެވެ.
އެގޮތުން ނާޒިމް ރަށުގައި ނޫޅުއްވާ ވަގުތުގަ އާއި އޮފީހުގައި އުޅުއްވާ ވަގުތުވެސް ނާޒިމްގެ އެޕާާޓްމެންޓުގެ ތަޅުދަނޑި އޭނާގެ ކާރުކޮޅުގައި އޮންނަ ކަމަށާއި ކާރު ކޮޅުގެ ތަޅުދަނޑި އޮންނާނީ ޑިފެންސް މިނިސްޓަރު ބިއުރޯގައި ހުންނަ ތަޅުނުލާ ވަތްގަނޑެއްގައި ކަމަށް ހެކިން ވަނީ ހެކިބަސް ދީފަ އެވެ.
އޭގެ އިތުރުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ދަބަސް އަދި ވަޒަނުގެ ފިންގަޕްރިންޓް ރިޕޯޓު ތައްޔާރު ކުރި ޕޮލިސް ޗީފް އިންސްޕެކްޓަރު އުޝާމަތު މުހައްމަދު މިއަދުގެ މަޖިލީހުގައި ހެކިބަސް ދެމުން ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ތަކެތީގެ ފިންގާ ޕްރިންޓްއާ ނާޒިމް އަދި އޭނާގެ އާއިލާގެ އެއްވެސް މީހަކާ ދިމާ ނުވާ ކަމަށެވެ. އަދި ފުލުހުންގެ ޑާޓާ ބޭސްގައި ހުރި އެއްވެސް މީހަކާ ވެސް ފިންގާ ޕްރިންޓް ދިމާ ނުވާ ކަމަށް އުޝާމަތު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ނާޒިމްގެ ޝަރީއަތާ ބެހޭ ގޮތުން ދެން ދައްކަން ހުރި ވާހަކަ ދެއްކުމަށް މިއަންނަ މަހު ފަހެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެދުވަހު ދެފަރާތަށް ވެސް 20 މިނިޓްގެ ފުރުސަތެއް ދޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.