31 Dec 2015, 15:06
އެއްވެސް ފުލުހަކު ސިޔާސީ ކަންކަމުގެ ތެރޭގައި ޖާމިނު ވެގެން ނުވާނެ ކަމަށާއި ސިޔާސީ ފަރާތްތަކާ އެކު ހާއްސަ ގުޅުންތަކެއް ބާއްވައިގެން ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ހުރިހާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަގައި އޭނާ ވިދާޅުވީ ކޮންމެ ފުލުހަކު ވެސް އަދި ކޮންމެ މުވައްޒަފަކު ވެސް ކުރާ މަސައްކަތުގައި ޕްރޮފެޝަނަލިޒަން ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ އެހެން މީހުންގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރެވިގެން ހަމަހަމަ ގޮތެއްގައި ތަފާތު ކުރުމެއް ނެތި ކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކޮންމެ ހިދުމަތަކީ އޯގާތެރިކަމާ އެކު ހިނިތުންވެތިބެ ދެވޭ ހިދުމަތަކަށް ހެދުމަކީ ކޮންމެ ފުލުހެއްގެ ވެސް އެންމެ އިސް ވާޖިބަށް ހެއްދެވުމަށް ސީޕީ ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި އަރީފް ވަނީ ހުރިހާ ފުލުހުންނާ މުވައްޒަފުން ވެސް މަސައްކަތުގައި ނަޒާހަތްތެރިކަން އިތުރުކޮށް މަސައްކަތުގައި ތެދުވެރިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެގޮތުން ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފާ އެކު ސިޔާސީ ނުފޫޒުން އެއްކިބާވެގެން ހިދުމަތްދޭ، ގާނޫނުތަކުން މަތިކޮށްފައިވާ މުއައްސަސާއެއް ކަން ފާހަގަ ކުރައްވައި އަރީފް ވިދާޅުވީ ފުލުހުންގެ ތެރޭގައި އެކި ކަންކަމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ހަމަޖެހިފައި ހުއްޓައި އެ އުސޫލުތަކުގެ ބޭރުން، ސިޔާސީ ފަރާތްތައް މެދުވެރިކޮށް ހުށަހަޅައިގެން ކަންކަން ކުރަން މަސައްކަތް ކުރާ ކަމަށެވެ.
ނަމަވެސް އެ ފުރުސަތު އެއްވެސް ފުލުހަކަށް ވެސް އަދި އެއްވެސް މުވައްޒަފަކަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ނުދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ މިހެން ވިދާޅުވެފައިވާ އިރު، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ވަހީދު މަގާމުން ވަކި ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ހުސައިން ވަހީދު މަގާމުގައި ހުންނެވި އިރު ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވަން ފުުރުސަތު ދެވިފައިވާތީ ކަމަށެވެ.