LIVE: #SAFFSuzukiCup: Anekkaaves Semifinal gai Raajje balikoh India Final ah
LIVE: #SAFFSuzukiCup: Anekkaaves Semifinal gai Raajje balikoh India Final ah

Last Updated:
10 year 11 month ago

އަނެއްކާވެސް ރާއްޖެ ސެމީގައި ބަލިކޮށް އިންޑިއާ ފައިނަލަށް

    ބުލޮގު ޚުލާސާ

    ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުން އަހްމަދު މުޖްތަބާ، ޙުސައިން ހަބީބު.

    LIVE: #SAFFSuzukiCup: Anekkaaves Semifinal gai Raajje balikoh India Final ah
    LIVE: #SAFFSuzukiCup: Anekkaaves Semifinal gai Raajje balikoh India Final ah

    ސާފް ސުޒުކީ ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:

    • މި ދެޓީމު ވަނީ މީގެ ކުރީން ތަފާތު އެކި ފަހަރުމަތިން 15 ފަހަރު ބައްދަލުކޮށްފައި.

    • ރާއްޖެ ވަނީ އިންޑިއާ އަތުން 3 މޮޅުވެފައި.
    • އިންޑިއާ ވަނީ ރާއްޖެ އަތުން 9 ފަހަރު މޮޅުވެފައި.
    • 3 މެޗު ވަނީ އެއްވަރު ވެފައި.
    • ރާއްޖެ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަމަ އެކަނި ފަހަރު އެ ތަށި އުފުލައިލީ ފައިނަލްގައި އިންޑިއާ ބަލިކޮށްފައި.
    • އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ވެސް މިދެޓީމު ވާދަކޮށް ރާއްޖެ ބަލިވީ 1-0 ލަނޑުން.
    17:07އަޙްމަދު މުޖްތަބާ

    ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރާއްޖެއަތުން 3-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެ އިންޑިއާއިން މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ވެސް އިންޑިއާ ޖާގަހޯދީ ރާއްޖެ ބަލިކުރުމަށްފަހުއެވެ.

    މިއީ މި މުބާރާތް 6 ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާއިން މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ 10 ވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި 7 ފަހަރު ރާއްޖެ ކުޅެފައި ވާއިރު، މިއީ ސެމީގައި މި ދެޓީމު ޖެހުނު ފަސް ވަނަ ފަހަރެވެ.

    މިއަދުގެ މެޗު ފެށުނީއްސުރެން ރާއްޖޭގެ ގޯލަށް ނުރައްކާކުރަމުން ދިޔަ އިންޑިއާ ޓީމުން ރާއްޖޭގެ ގޯލް ހުޅުވާލީ، މެޗުގެ 24 ވަނަ މިނިޓްގައި ސުނިލް ޗެތުރީއެވެ. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް އިންޑިއާ ޓީމުގެ ލިންޑޯ ހުރަސްކޮށްލި ބޯޅަ ޗެތުރީ ގޯލަށް ފޮނުވާލީ ބޮލުން ޖަހައެވެ.

    ރާއްޖޭ ޑިފެންސް ލައިނަށް ޕްރެޝަރު ކުރަމުން ދިޔަ އިންޑިއާ ޓީމަށް މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، މެޗުގެ 34 ވަނަ މިނިޓްގައި ޖޭޖޭ ލެލަޕެޚުލުއާއެވެ. ރޯލިން ބޯޖަސް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޖޭޖޭއަށް ޖައްސާލި ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލްގެ ވާތްފަރާތު ކަނަށް ފޮނުވާލައިފައެވެ.

    މި ނަތީޖާއާއެކު ފުރަތަމަ ހާފްގެ ކުޅުން ނިމެން ދަނިކޮށް ރާއްޖޭ ޓީމުން ވަނީ އިންޑިއާ ކޮޅަށް ލަނޑުޖަހައިފައެވެ. މެޗުގެ 45 ވަނަ މިނިޓްގައި ރާއްޖެއަށް ލަނޑު ޖަހައިދިނީ، އަހްމަދު ނާޝިދު (ނާއްޓޭ) އެވެ. ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން އަހްމަދު އިމާޒް (އާއްކޮ)އަށް ޖައްސާލި ބޯޅަ އާއްކޮ ވަރަށް ރީތިކޮށް ނާއްޓެއަށް ދިނުމުން އޭނާ ވަނީ ހަމަ އެހާ ރީތިކޮށް ބޯޅަ ގޯލްތެރެއަށް ފޮނުވާލައިފައެވެ.

    މެޗުގެ ދެވަނަ ހާފް ފެށިގެންވެސް، އިންޑިއާ ޓީމުން ރާއްޖޭ ގޯލަށް ގިނަ ވަގުތު ނުރައްކާ ކުރަމުން ދިޔައިރު، ރާއްޖޭ ޓީމުން ފެނުނީ އިންޑިއާ ކޮޅަށް ރަނގަޅު ހަމަލާއެއް ނުއުފެއްދިގެން އުޅުނު މަންޒަރެވެ. އެގޮތުން މެޗުގެ 66 ވަނަ މިނިޓްގައި ޖޭޖޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އިންޑިއާއަށް ނަތީޖާ ފުޅާކޮށްދީފައެވެ. ޖޭޖޭ އެ ލަނޑު ކާމިޔާބުކުރީ، ޗެތުރީ ވަރަށް ރީތިކޮށް ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭން ޖޭޖޭއަށް ޖައްސާލި ބޯޅަ ވަރަށް ފަސޭހަކަމާއެކު ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

    ރާއްޖޭ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރީ، މެޗުގެ 75 ވަނަ މިނިޓްގައި އަމްދާން އަލީ (އެންޑީ) އެވެ. ރާއްޖެއަށް ލިބުނު ކޯނަރަކުން އާއްކޮ އިންޑިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ އެންޑީ ބޮލުން ޖަހައެވެ. މެޗު ނިމިގެން ދިޔައީ މި ނަތީޖާއާއެކު އިންޑިއާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.

    މުބާރާތުގެ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ، މިއަދު ހަވީރު ދެވަނަ ސެމީގައި ސްރީ ލަންކާއާއި އަފްޣާނިސްތާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗު ފަށާނީ އިންޑިއާ ގަޑިން ހަވީރު 6:30ގައެވެ.

    16:53

    އިންޑިއާއިން މިވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި.

    16:52

    މި ނަތީޖާއާއެކު އަނެއްކާވެސް ރާއްޖެއަށް މިވަނީ، ސާފް މުބާރާތުގެ ސެމީގައި އިންޑިއާއާ ވާދަކޮށް މުބާރާތް ނިންމާލަން ޖެހިފައި.

    16:51

    މެޗު ނިމިއްޖެ.

    16:48

    އީސަ އިންޑިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކަށް ނުލިބި ބޭރަށް.

    16:47

    އިންޑިއާ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ހަމްޕުއަށް ފައުލުކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    16:46

    ފަހު ހާފުގެ އިތުރު ވަގުތުގެ 4 މިނިޓް.

    16:46

    އިންޑިއާ ޕެނަލްޓީ އޭރިޔާ ބާރުން އީސަ ފޮނުވާލި ބޯޅަ ކީޕަރުގެ އަތަށް.

    16:44

    ރާއްޖޭ ޓީމުން މިވަނީ އިތުރު ދެ ބަދަލެއް ގެނެސްފައި. އަހްމަދު ނާޝިދުގެ ބަދަލުގައި އިސްމާއީލް އީސާ. އަހްމަދު އިމާޒްގެ ބަަދަލުގައި ހަމްޒަތު.

    16:42

    ރާއްޖޭ ގޯލް އޭރިޔާ ތެރޭން އިންޑިއާ ކުޅުންތެރިއަކު ޖޭޖޭއަށް ޖައްސާލި ބޯޅަ އޭނާއަށް ގޯލްތެރެއަށް ވައްދާލެވޭގޮތެއް ނުވި. ބޯޅަ ދިޔައީ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރަށް.

    16:41

    އެންޑީ ލަނޑު ޖެހީ، އާއްކޮ ކޯނަރަކުން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން.

    16:32

    ރާއްޖެއިން ލަނޑު ޖަހައިފި. ލަނޑު ޖެހީ އެންޑީ.

    16:29

    އަސަދުﷲގެ ބަދަލުގައި ހަސަން ނާއިޒް ކުޅެންއަރައިފި. އަދި އިންޑިއާގެ ޗެތުރީގެ ބަދަލުގައި ޒުވާން ފޯވަޑް ލަލިއަންޒޯލާ ކުޅެން އަރައިފި.

    16:28

    ރާއްޖޭ ޓީމުން ބަދަލެއް ގެންނަން ތައްޔާރުވަނީ. ކުޅެން ނެރެނީ ހަސަން ނާއިޒް. އިންޑިއާ ޓީމުން ވެސް ބަދަލަކަށް ތައްޔާރުވަނީ. އެޓީމުން އަރަނީ ލަލިއަންޒޯލާ.

    16:23

    ޗެތުރީ ވަރަށް ރީތިކޮށް ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭން ޖޭޖޭއަށް ޖައްސާލި ބޯޅަ ވަރަށް ފަސޭހަކޮށް ޖޭޖޭ އެ ބޯޅަ ގޯލަށް ފޮނުވާލީ.

    16:22

    އިންޑިއާ އަނެއްކާ ވެސް ލަނޑެއް ޖަހައިފި. އެލަނޑު ކާމިޔާބުކޮށްދިނީ ޖޭޖޭ.

    16:20

    ދަގަނޑޭއަށް ރީނދޫ ކާޑެއް.

    16:19

    ޖައިރޫ ވަރަށް ރީތިކޮށް ރާއްޖޭ ގޯލް ކުރިމަށްޗަށް ފޮނުވާލި ބޯޅަ ޖޭޖޭ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް އެބޯޅަ ގޯލަށް އަމާޒެއް ނުވި.

    16:17

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ނަރްޒަރީ ޖޭޖޭއަށް ޖައްސާލި ބޯޅަ އޭނާ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. ޖޭޖޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިއަށް ވުރެ ކުޑަ ތަންކޮށްޅެއް މަތީން ބޭރަށް.

    16:17

    އިންޑިއާއަށް ކޯނަރެއް.

    16:12

    އިންޑިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ދަގޭއަށް އާއްކޮ ޖައްސާލި ބޯޅަ ދަގޭ ފަޔަށް ހެޔޮވަރުކޮށްލާފައި ފޮނުވާލި ނަމަވެސް އިންޑިއާ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ބޯޅަ ގޯލާ ދިމާއަށް ދާގޮތެއް ނުވި.

    16:11

    ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން އިންޑިއާ ޓީމުގެ ނަރަޔަން ދާސް، ފޮނުވާލި ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:07

    އިންޑިއާ ގެ ނަރްޒަރީ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ ޝާފީގެ ގައިގަ ޖެހިފައި ގޯލް އަރިމަތިން ކޯނަރަކަށް ބޭރު.

    16:05

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގު ކައިރިން ޗެތުރީ، ޖައިރޫއަށް ޖައްސާލި ބޯޅަ އޭނާ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެންނަމަވެސް ބޯޅަ ދިޔައީ މާ މަތިން ބޭރަށް.

    16:02

    ދެވަނަ ހާފް ފަށައިފި.

    15:51

    މެޗު ފެށުނީއްސުރެން ވެސް ރާއްޖޭގެ ސަޕޯޓަރުން ދަނީ މެދު ކެނޑުމެއް ނެތި ގައުމީ ޓީމަށް ހިތްވަރުދެމުން.

    15:48

    ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ދެމިނިޓް ހަމަވުމާއެކު އެ ހާފްގެ ކުޅުން ނިމިއްޖެ.

    15:47

    ދަގަނޑޭ އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން އާއްކޮށްއަށް ޖައްސާލި ބޯޅަ އާއްކޮ ދިނީ ނާއްޓެއަށް. ނާއްޓެ ވަރަށް ރީތިކޮށް ގޯލަށް ބޯޅަ ފޮނުވާލީ.

    15:47

    ރާއްޖެ ލަނޑުޖަހައިފި. ލަނޑު ޖެހީ ނާއްޓޭ.

    15:44

    ޖޭޖޭ އެކަނި ބޯޅަ ހިފައިގެން ރާއްޖޭ ޕޭނަލްޓިއޭރިޔާ ތެރެއަށް ވަންނަނިކޮށް ބޯޅަ ދިފާއުކުރާން ކީޕަރު އިމްރާން ނުކުތީ، ޖޭޖޭ އިމްރާން ކައިރިން ނައްޓާލާފައި ގޯލް ކުރިމަށްޗަށް ބޯޅަ ހުރަސް ކޮށްލި ނަމަވެސް އެޓީމު ކުޅުންތެރީންނަށް ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.

    15:43

    އިންޑިއާ ޓީމުން ރާއްޖޭ ގޯލަށް ގިނަ ހަމަލާތަކެއް މިހާތަނަށް އުފައްދާފައި ވާއިރު، ރާއްޖެއަށް އިންޑިއާގޯލަށް އެގޮތަށް ނުރައްކާ ކޮށްލެވިފައެއް ނުވޭ.

    15:42

    ލިންޑޯ ޗެތުރީއަށް ޖައްސާލި ބޯޅަ އޭނާ ގޯލަށް ފޮނުވާލުމުން ރާއްޖޭ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    15:41

    އިންޑިއާ ޓީމަށް ކޯނަރެއް.

    15:38

    ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑީގެ ކައިވިތެއްހާ މަތިން ބޭރަށް.

    15:37

    އިންޑިއާ ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    15:36

    އަނެއްކާވެސް އިންޑިއާ ޓީމުން ނުރައްކާތެރި ހަމަލާއެއް. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ސުނިލް ޗެތުރީ ޕޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ވެއްޓުމުން ދެވަނަ ފަހަރަށް އޭނާ ބޯޅަ މަތަކުރީ.

    15:34

    ރޯލިން ބޯޖަސް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޖޭޖޭއަށް ޖައްސާލި ބޯޅަ އޭނާ ވަރަށް ރީތިކޮށް ގޯލްގެ ވާތްފަރާތު ކަނަށް ފޮނުވާލީ.

    15:34

    އިިންޑިއާ ދެ ވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީ ޖޭޖޭ.

    15:30

    އިންޑިއާ ކުޅުންތެރީން މިދަނީ ރާއްޖޭ ގޯލަަށް ވަރަށް ބޮޑަށް ނުރައްކާ ކުރަމުން. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ޗެތުރީއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރަށް ނުކުތް ބޯޅަ ލިބުނީ ޖޭޖޭއަށް. ޖޭޖޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށް.

    15:27

    ނަރަޔަން ދާސް ފޮނުވާލި ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    15:27

    އިންޑިއާއަށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ހިލޭ ޖެހުމެއް.

    15:26

    ލިންޑޯ ރާއްޖޭ ޕެނަޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޗެތުރީ ގޯލަށް ފޮނުވާލީ ބޮލުން ޖަހައި.

    15:24

    އިންޑިއާއިން ލަނޑު ޖަހައިފި. އެޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތުރީ.

    15:23

    އިންޑިއާއިން ކޯނަރަކުން ރާއްޖޭ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޯޅަ ބޭރު.

    15:22

    އިންޑިއާއަށް ކޯނަރެއް.

    15:20

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުކައިރިން އިންޑިއާގެ ބިކާޝް ޖައިރޫއަށް ލިބުނު ބޯޅަ އޭނާ ވަރަށް ބާރަށް ގޯލަށް އަމާޒުކޮށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ މާމަތިން ބޭރަށް.

    15:16

    މިއަދުގެ މެޗް ބަލަން އިންޑިއާގެ ވެސް 12،000 މީހުން ދަނޑަށް ވަދެ ތިބޭނެ ކަމަށް ލަފާކުރެވޭ. މީހެ އިތުރުން ދިވެހީންގެ ވެސް ގިނަބަޔަކު ދަނޑަށް ވަދެ އެބަތިބި.

    15:14

    އަސައްދުﷲ ވަރަށް ރީތިކޮށް އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން އާއްކޮއަށް ޖައްސާލި ބޯޅަ އާއްކޮ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ގުރްޕްރީތު ބޯޅަ ދިފާއުކޮށް ފޮނުވާލީ. ރާއްޖެއަށް ލަނޑު ޖަހާނޭ ރީތި ފުރުސަތެއް ގެއްލުނީ.

    15:12

    އިންޑިއާގެ އަރްނަބް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ފޮނުވާލި ބޯޅަ ޖޭޖޭ ފައިގައި ޖެހިފައި ކީޕަރު އިމްރާންގެ ފައިގައިވެސް ޖެހިފައި ގޯލްތެރެއަށް ވަނީ. އެހެން ނަމަވެސް އޭރު ޖޭޖޭ ހުރީ އޮފްސައިޑްގައި.

    15:08

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ޖޭޖޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    15:07

    އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން އަސައްކޮއަށް ލިބުނު ބޯޅަ އެޓީމުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލާފައި ގޯލަށް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

    15:04

    އިންޑީއާ ހާފް މެދެއްހާ ހިސާބުން އެޓީމުގެ ލިންޑޯ ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ގުރުޕްރީތު އަތަށް.

    15:02

    ކުރިން ވެސް ލަފާކުރެވުނު ގޮތަށް މިއަދުގެ މެޗަށް ގިނަ އަދަދެއްގެ ދިވެހިންނާއި އިންޑިއާ ސަޕޯޓަރުން ދަނޑަށް ވަދެ އެބަ ތިބި. އަދިވެސް ދަނީ ސަޕޯޓަރުން ދަނޑަށް ވަންނަމުން.

    15:01

    މެޗު ފަށައިފި. އިންޑިއާއިން ކިކްއޮފް ކުރީ.

    14:56

    ރާއްޖޭގެ ގައުމީ ސަލާމަށް ފަހު މިހާރު އިންޑިއާގެ ގައުމީ ސަލާމް.

    14:56

    ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.

    14:28

    އިންޑިއާ ޓީމުގެ ފުރަތަމަ 11:

    • ގުރުޕްރީޓް ސިންހް ސަންދު

    • ނަރާޔަން ދާސް

    • ޕްރިޓަމް ކޯޓަލް

    • އޮގަސްޓިއަން އެމް. ފެނާންޑޭޒް

    • އަރުނާބު ކުމާރު މޮންޑަލް

    • ރޯލިން ބޯޖަސް

    • އިގްއިނުސަން ލިންގްދޯހް

    • ބިކާޝް ޖައިރު

    • ހާލީ ޗަރަން ނާޒަރީ

    • ޖޭޖޭ ލަލްޕެކުލާ

    • ސްނިލް ޗެތުރީ (ކެޕްޓަން)

    14:25

    ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • އަހްމަދު އަބްދުﷲ

    • އަހްމަދު އިމާޒް
    • އަލީ އަޝްފާގު (ކެޕްޓަން)
    • މުހައްމަދު ސަމްދޫހު
    • އަސަދުﷲ އަބްދުﷲ
    • އަސްހަދު އަލީ
    • އަލީ ފާސިރު
    • އަހްމަދު ނާޝިދު
    • އަމްދާން އަލީ
    • ޝާފިއު އަހްމަދު
    • އިމްރާން މުހައްމަދު (ގޯލް ކީޕަރު)
    ރާއްްޖޭގެ ޓީމް ދަނޑަށް ވަންނަނީ --
    14:24

    ވައިގެ ތެތްކަން އުޅެނީ 52 ޕަސެންޓުގައި.

    14:23

    މި ސަރަހައްދުގެ ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި.

    14:22

    މިއަދަކީ ވެސް އުޑުމަތި ސާފު ހޫނު ގަދަ ދުވަހެއް.

    14:22

    މިހާރު ވެސް ސަޕޯޓަރުން ދަނީ، ދަނޑަށް ވަންނަމުން.

    14:21

    މެޗު ބަލަން މިއަދު ދިވެހީންގެ ގިނަ ބަޔަކު ދަނޑަށް ވަންނާނޭ ކަމަށް ބެލެވޭ.