ކާޅެއްގެ މައްސަލައިގައި މީހަކު ކޯޓެއްގައި ދައުވާއެއްް ކުރި އަޑު އެހިންހެއްޔެވެ؟ ލ. މާމެންދޫ އަންހެނަކު އެރަށުގެ އެހެން އަންހެނެއްގެ މައްޗަށް އެފަދަ ދައުވާއެއް އުފުލައިފި އެވެ.

މާމެންދޫ ކައުންސިލުގެ އިދާރާއިން މިއަދު ބުނީ އޮޅުކޮށްގެން ގެންގުޅުނު ކާޅެއްގެ މައްސަލައިގައި ކައުންސިލުގައި ހިންގި ތަހުގީގަކަށް ފަހު އެރަށު ކޯޓަށް މަދަނީ ދައުވާއެއް ވެއްދީ އެރަށު ދިއްގާ ގަސްދޮށުގޭ ފާތުމަތު ނަދާ 35، ކަމަށެވެ.

"އޭނާގެ ދައުވާއަކީ އޭނާ އޮޅުކޮށްގެން ގެންގުޅުނު ކާޅެއް މިރަށު އެހެން އަންހެނަކު ވަގަށް ނެގުމަށް ފަހު ކާޅު ނުދޭނެ ކަމަށް ބުނާތީ، ކާޅު މިނިވަން ކޮށް ދިނުމަށް އެދި ކޯޓް އަމުރެއް ނެރެދިނުން،" ރަށު ކައުންސިލަރު މުހައްމަދު ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ކާޅުގެ މައްސަލަ ނަދާ ފުރަތަމަ ހުށަހެޅީ ކައުންސިލަށް ކަމަށައި އެހިސާބުން މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ އެރަށު ކުނަހަންދޫގޭ ސަންފޫ އަބޫބުކުރާއި ނަދާ ހާޒިރުކޮށް ނަދާގެ ކާޅެއް ވަގަށް ގެންދިޔައިންތޯ ސުވާލު ކުރުމުން ސަންފާ އެކަމަށް އެއްބަސްވެ ކާޅު ނުދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ނަދާ މައްސަލަ ޖެއްސީ އޭނާ ގެންގުޅޭ ކާޅެއް ސަންފަ ވަގަށް ނެގި ކަމަށްބުނެ އެކަން ބަލައި ދިނުމަށް. ދެ މީހުން ހާޒިރުކޮށް ސަންފައާ ސުވާލު ކުރީމަ ބުނެފި އާނއެކޭ ކާޅު ވަގަށް ނެގީމޭ، އެކަމަކު ކާޅެއް ނުދޭނަމޭ، އަޅުގަނޑުމެން ނަސޭހަތް ދިނުމުން ވެސް ކާޅު އަނބުރާ ދޭ ގޮތަކަށް އެއްބަހެއް ނުވި އަދި ދަފަރާތް ސުލްހައެއް ވެސް ނުވި... އެހިސާބުން ނަދާ ބޭނުންވީ ކާޅު ހޯދަން މަދަނީ މައްސަލައެއް ކޯޓަށް ވައްދަން،" ޝިފާޒު ވިދާޅުވި އެވެ. "އޭނާ ކުރި ދައުވާ ވަނީ ކޯޓަށް ބަލައިގެންފައި. އެ ދައުވާގައި ބުނަނީ ސަންފާގެ އަތް ދަށުން ކާޅު މިނިވަންކޮށް ނަދާ ހަވާލު ކުރުމުގެ އަމުރެއް ނެރެ ދިނުމަށް،"

ޝިފާޒު ވިދާޅުވީ ނަދާގެ ކާޅު ވަގަށް ގެންދިއުމަށް ފަހު ނުދޭނެ ކަމަށް ސަންފާ ބުނަނީ އޭނާ އޮޅުކޮށްގެން ގެންގުޅުނު ކާޅެއް މިދިޔަ ރޯދަމަހުގެ ތެރޭ ކުޑަކުއްކަށް ދެ ރުފިޔާ ދީގެން ނަދާ ވަގަށް ނަގުވާފައިވާ ކަމަށް ބުނެ ކަމަށެވެ.

"އޭނާ ބުނަނީ ނުދޭނަމޭ . ކާޅު ދޭން ނުޖެހޭ ސަބަބަކީ ނަދާ ވަނީ ތިމަންނާގެ ކާޅު ކުއްޖަކު ލައްވާ ވަގަށް ނަގުވާފައޭ. އެކަމަށް ނަދާ ދެކޮޅު ހަދާ، ދެން މުޅި ރަށުގައި މިހާރު އޮތީ މި ކާޅުގެ ވާހަކަ،" ޝިފާޒު ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ނަދާ މާމެންދޫ ކޯޓަށް މައްސަލަ ހުށައަޅާފައިވީނަމަވެސް މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް ޗުއްޓީގައި ހުންނެވުމުން އެ މައްސަލައިގެ ޝަރީއަތް ހިންގަން ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް މާމެންދުއަށް ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.