ހުޅަނގު ދެކުނު ހާބަރުގެ ކަންމަތީގައިވާ ބައިގެ ބޭރު ތޮށި ނެގުމަށް ފަހު، އެ ސަރަހައްދު އިތުރަށް ބޭރަށް ޖައްސާފައި އެ ދިމާލުން ހަތަރު ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ މާލެ އާ ގުޅިފައިވާ އެ ސަރަހައްދު ތަރައްގީ ކުރާނީ "އިންޑަސްޓްރިއަލް ރަށެއް"ގެ ގޮތުގައި ކަމަށާއި މާލޭގައި ކުރިއަށްދާ ބޮޑެތި ގިނަ މަސައްކަތްތައް އެސަރަހައްދަށް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

އެ ސަރަހައްދަށް ބަދަލު ކުރެވޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި، މިހާރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ކުރިއަށްދާ ކުނި އުފުލުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުގައި ކުނި ބާޖު ކައިރި ކުރަން ވަކި ސަރަހައްދެއް ކަނޑައެޅާފައި އޮންނާނެ ކަމަށެވެ. އަދި މާލެ އާ ގުޅިފައިވާ އެ ސަރަހައްދުގައި މާލެ އިން ގެންދާ ކުނި ޖަމާކުރާނެ ޔާޑެއް ހަމަޖެހިފައިވާ އިރު، އޭރުން މާލޭގައި އެއްވެސް ކުނިކޮށްޓެއްް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ދިމާލުން ސީދާ ވަކި ލޮކޭޝަނެއް ކަނޑައެޅިފައި އިންނާނެ ކުނި ބާޖު ކައިރި ކުރަން. އެތަަން އެއްގަމާ ގުޅިފައި އިންނާނީ، އެއްގަމުން ގެންނަ ކުނި ލޮރީތަކާއި ހުރިހާކުންޏެއް އެތާ އޮންނަ ކަލެކްޝަން ޔާޑަށް ޖަމާކުރާނެ. މާލޭގެ އެއްވެސް ކުނިކޮށްޓެއް އޭރުން ނުހުންނާނެ. އެތަނުން ސީދާ ބާޖަށް އަރުވައިގެން ބޭރު ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލޭގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު މަގުމަތީގައި ބަހައްޓަން ޖެހުމުގެ ސަބަބުން މަގު ބަންދުވާ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މައްސަލަ ހަލު ކުރުމަށް ހިއްކޭ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.

"އެހެންވީމާ މެޓީރިއަލް ބަހައްޓައިގެން މަގު ބަންދުވާ ވަގުތު ކުޑަކުރުމަށް ރެޑީ މިކްސް ކޮންކްރީޓީން އަށް މާލޭގެ ކޮންކްރީޓިން ބަދަލު ކުރުމަށް ދެތިން ފަރާތަކަށް ބިން ދޫކުރެވޭ ގޮތަށް ކަނޑއެޅިގެން ދާނެ. އެކަން ރަނގަޅަށް ފެށުނީމާ މާލޭގައި މެޓީރިއަލް މަގުމަތީގައި ބަހައްޓައިގެން ކޮންކްރީޓް ކުރުމާއި މި ހުރިހާ ކަމަކަށް ދާ ވަގުތު މަދުވެގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހަމަ އެއާ އެކު، މާލޭގައި ހިންގާ، ސިއްހަތަށް ގެއްލުންވާ މެޓަލް ވޯކްޝޮޕް ކަހަލަ މަސައްކަތްތައް ވެސް އެ ސަރަހައްދަށް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، އޮޑި ދޯނި ފަހަރަށް ތެޔޮ އެޅުމަށް ވެސް ދެން ކައިރި ކުރަން ޖެހޭނީ އެ ސަރަހައްދަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

"މާލޭގައި ތެޔޮ ބައުޒަރުތައް އެކި ދިމާލުގައި މި އޮންނަނީ. އެހެންވީމާ ހިއްކޭ ބިމުގެ އަޑިއަށް ތެޔޮ ތާންގީތައް ފައްތައި ފިއުލިން ޕޮއިންޓްސްތައް ކަނޑައެޅި، އެތާގަ ހެދޭ ކީހޯލެއް ކައިރިއަށް އުޅަނދުތައް ރީފިލް ކުރެވޭ ގޮތް ހެދުމުން މާލެ ތެރެއިން ތެޔޮ ބައުޒަރުތައް ވެސް ނެގިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން، އެ ދިމާލުން ވަރަށް ބޮޑު ނެރެއް ކަނޑަން ޖެހޭ ކަމަށާއި، ނެރު ކެނޑުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާކަމަށް ވެސް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެ ދިމާލުން ސްޓެލްކޯ އާ ދިމާލަށް އިރުމައްޗަށް ދާން ޖެހޭ އުޅަނދުތައް ދިއުމަށް ޓަކައި ދެ ބައި ވަކި ވާތީ، އެކޮޅަށް ދާން ޖެހޭ އުޅަނދުތައް ދިއުމަށް ފުރަތަމަ ކަނޑަން ޖެހެނީ ނެރެއް. ނެރާ ބެހޭ ހުރިހާ ޑިޒައިން އެއް ކުރެވި މެޓީރިއަލް އޯޑަރު ކުރެވި އެމްޓީސީސީ އާ އެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ އާޓިފިޝަލް ބީޗުގެ މަސައްކަތް ޖެނުއަރީ މަހު މެދުތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ އިރު، ބީޗުގެ ބޭރު ތޮށި ނިމޭ އިރަަށް ނެރު ފައި ކަށި ޖެހުމުގެ މަސައްކަތް އެމްޓީސީސީން ފަށާނެ އެވެ.

ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެން ދާނީ، ނެރު ފައި ކަށި ޖެހުމަށް ފަހު ނެރު ހުޅުވާލެވުމުން ނަމަވެސް، ބައެއް މަސައްކަތްތައް ކުރިއަށް ދާނެ އެވެ.

"މި މަސައްކަތް ނިމިގެން ދިޔައީމާ އެތަން ހެދޭނެ ވަރަށް ރީތިކޮށް، އިންޑަސްޓްރިއަލް ކުޑަވަރެއްގެ ރަށެއް ގޮތަށް، ވަރަށް ބައިވަރު ގަސްތައް ޖެހި ގްރީން ބަފާ ޒޯންއެއް އޮންނާނެ. ވަރަށް ރީތި ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކެފޭ ރެސްޓޯރަންޓު ހިންގުމަށް ވެސް ބިން ކުއްޔަށް ދޫކުރާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މި މަޝްރޫއުގެ އީއައިއޭ ވެސް މިއަދު ނޫނީ އާދީއްތަ ދުވަހު އެންވަޔަރަމެންޓަށް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދަނީ ސީދާ ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.