ބަނގުރާ ފުޅިތަކަކާ އެކު ކ. މާފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ، އެމީހާ ހައްޔަރުކޮށްފައި ވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ބަނގުރާ ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މާފުށީގައި މަސައްކަތް ކުރާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާފުއްޓަށް ދިޔަ ލޯންޗު ބަނދަރާ ކައިރި ކުރި ވަގުތު އެ ލޯންޗު ތެރޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ލޯންޗު ބަލައި ފާސް ކުރަން އުޅުމުން، ބަނގުރާ ފުޅިތައް އަޅާފައި ހުރި ފޮށިގަނޑު ފަޅުތެރެއަށް އެއްލާލި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެމީހާ ފަޅު ތެރެއަށް އެއްލާލި ފޮށިގަނޑު ޑައިވްކޮށްގެން ނަގައި ބަލައި ފާސް ކުރި އިރު 22 ބަނގުރާ ފުޅި އެ ފޮށިގަނޑުން ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ގުޅީ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 13 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކޮށްފައިވާ މީހާ އަކީ ޓެރަރިޒަމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.