ހުޅުލެ-މާލޭ ބުރިޖުގެ މަސައްކަތް ކުރާއިރު ބޭނުން ކުރާނީ އެންމެ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓުތައް ކަމަށް ބުރިޖުގެ މަސައްކަތް ކުރުމާ ހަވާލުކޮށްފައިވާ ކުންފުނި ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންޓަނޭޝަނަލްގެ ރައީސް ޗެން ޒޮންގް ވިދާޅުވެއްޖެ އެވެ.

ބުރިޖުގެ މަސައްކަތް އަމަލީގޮތުން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ ރައީސް ވިދާޅުވީ ކުންފުނީގެ މަސައްކަތަކީ ރަނގަޅު ރިސޯސްތަކާ އެކު ދިވެހި ރަނގަޅު ހިދުމަތްތަކެއް ފޯރު ކޮށްދިނުމާ އެކު ފެންވަރު ރަނގަޅު ޕްރޮޑަކްތެއް ތައާރަފު ކުރުން ކަމަށެވެ.

"ޕްރޮޖެކްޓްްގެ ޑިޒައިނާއި ކޮންސްޓްރަކްޝަން މަރުހަލާގައި ކުންފުނިން ބޭނުން ކުރާނީ އެންމެ ރަނގަޅު ޓީމު. އެ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ޓީމް. އެންމެ ރަނގަޅު ޓެކްނޮލޮޖީ. އަދި އެންމެ ރަނގަޅު އާލާތްތައް ވެސް ހަމަ މި މަޝްރޫއު ފުރިހަމަ ކުރުމަށް ބޭނުން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބުރިޖެއް އެޅުމުގެ ސަބަބުން ރާއްޖޭގެ އިގުތިޞާދީ އަދި އިޖުތިމާއީ ސެކްޓަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.

މާލެ-ހުޅުމާލެ ބުރިޖްގެ ދިގުމިނަކީ 1.39 ކިލޯ މީޓަރެވެ. ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައި ދާ މީހުންނަށް ވަކި ލޭނެއް އެ ބުރިޖުގައި އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ކަނޑުގެ މަގުން ދެ ރަށެއް ގުޅުވުމަށް ރާއްޖޭގައި އަޅާ އެވަރުގެ ބޮޑު ބުރިޖަކީ 100 އަހަރުގެ އުމުރެއް ހުންނާނެ ބުރިޖެއް ކަމަށް ސީސީސީސީ އިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ ބުރިޖުގެ މަސައްކަތް ނިމުމާއެކު މާލޭގެ ޓްރެފިކްގެ މައްސަލައަށް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށާއި އިގްތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމަށެވެ.

އެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދާނި "ފަސްޓް ކްލާސް" ހައިވޭ ސްޓެންޑާޑް އަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.