31 Dec 2015, 12:48
ވޭގަސް (ޑިސެމްބަރ 31): އެމެރިކާގެ ލަސްވޭގަސްގެ މިސްކިތެއްގައި އޫރުމަސް ބެހެއްޓި މީހާ ދެނެގަތުމަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 5،000 ޑޮލަރު ދޭން އެފްބީއައި އިން ނިންމައިފި އެވެ.
ވޭގަސްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އޫރުމަސް ހުރީ މިސްކިތަށް ވަންނަ ދޮރުގެ ތަޅުގައި އޮޅާފައި ކަމަށެވެ. އަދި މިސްކިތުގެ ބިންމައްޗަށް ވެސް އޫރުމަސް އުކާފައި ހުރިކަމަށްވެ އެވެ.
އެފްބީއައި އޭޖެންޓުން މިހާރު ދަނީ ސާވެއިލެންސް ވީޑިއޯއެއް ބޭނުންކޮށްގެން މަސްޖިދުލް ތައުހީދު ނަމަކަށް ކިޔާ މިސްކިތުގެ ދޮރުމަތީގައި އޫރުމަސް ބެހެއްޓި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެފްބީއައި އިން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ އެއީ މިސްކިތުގެ "ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ" އަމަލެއްގެ ގޮތުގައި އެ އަމަލު ސިފަކޮށްފަ އެވެ. އަދި އެމެރިކާގެ އެފްބީއައި އާއި ވޭގަސްގެ ފުލުހުން އެމައްސަލަ ބަލުމުން ދަނީ 'ހޭޓް ކްރައިމް' އެއްގެ ގޮތުގަ އެވެ.
އެފްބީއައި އިން ބުނި ގޮތުގައި އެހާދިސާ ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ އެއްވެސް މީހަކު މިސްކިތުގައި ނެތް ގަޑިއެއްގަ އެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ފަތިސް ނަމާދު ކުރަން މިސްކިތައް ދިޔަ މީހުންނެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެހެން މިސްކިތެއްގެ ތެރެއަށް އޫރެއްގެ ބޮލެއްލައިފައިވެ އެވެ. އަދި އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކަށް ގެއްލުންދޭނެ ކަމަށް ބުނެ ދޭ އިންޒާރުތައް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. (ނޫސްއޭޖެންސީތައް)