އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑް އަތުން 0-1 ގެ ނަތީޖާ އަކުން މޮޅުވުމުން އެއީ ހައްގު މޮޅެއް ކަމަށް ލިވަޕޫލްގެ ކޯޗް ޔޫގެން ކްލޮޕް ބުނެފިއެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ލިވާޕޫލްގެ ފަރާތުން ފެނިފައިވަނީ އެ ޓީމުގެ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށާއި ނަވަމެސް ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓަކީ ހައްގު މޮޅެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

"ފުރަތަމަ ހާފްގައި އަހަރެންގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެއް. ގިނަ އިރު ބޯޅަ ގެންގުޅެ ހަމަލާތަކެއް ވެސް އުފެއްދި. ދެވަނަ ހާފްގައި ދިމާވި މައްސަލަ އަކީ ކުޅުންތެރިން ދެ ވަނަ ބޯޅައަށް މަސަތްކަތް ކުރާލެއް މަދުވެގެން ދިޔައީ،" ކްލޮޕް ބުންޏެވެ.

ލީގްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެ ތާވަލުގެ އެންމެ ފުލުން ދެވަނާގައި އޮތް ސަންޑަލޭންޑްގެ، އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ލިވަޕޫލްގެ ހަމަ އެކަނި ގޯލް ދެވަނަ ހާފްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ކުރިސްޓިއަން ބެންޓޭކް އެވެ.

އެ މެޗު ކާމިޔާބް ކުރުމާއިއެކު ލިވަޕޫލް އިން ވަނީ ހަތް ވަނަ އަށް ކުރި އަށް ޖެހިލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑް އާއި ލިވަޕޫލް ކުޅުނު މެޗުގައި ލިވަޕޫލް އިން ކާމިޔާބް ކުރި ހަމަ އެކަނި ގޯލް ބެންޓޭކް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ލިވަޕޫލް އަތުން ބަލިވި ސަންޑަލޭންޑް ގެ ކޯޗް ސަމް އެލަޑިސް ބުނީ އޭނާގެ ޓީމުގެ ފަރާތުން މޮޅުވާން ކުރި މަސަތްކަތް ފެނުނު ކަމަށާއި އެ ކުޅުމާއި ދޭތެރޭގައި ހިތް ހަމަ ޖެހޭ ކަމަށެވެ.

"އެހެން މެޗުތަކާއި އަޅާބަލާއިރު ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ. ބަލިނުވެ ޕޮއިންޓެއް ހޯދުމަށް ވެސް ކުޅުންތެރިން ވަރަށް މަސަތްކަތް ކުރި،" އެލަޑިސް ބުންޏެވެ.