31 Dec 2015, 11:53
މާލެ ސަރަހައްދުގައި ޖަމާވާ ކުނި މެނޭޖު ކުރުމުގެ ކަންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކުރުމުން މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ކުނީގެ ކަންކަން އެންމެ ރަނގަޅަށް ނުގެންދެވި އޮތީ އެމްޑީޕީ ސަރުކާރުން އެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ކޮށްފައި އޮތް އެގްރީމެންޓުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން އެ އެގްރީމެންޓް ނިމުމަކަށް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނސްޓަރު ޠާރިގް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"އަޅުގަނޑު ދަންނަވާނީ މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން އިރާދަކުރެއްވިއްޔާ ރާއްޖޭގެ އަދި މާލޭގެ ވޭސްޓް މެނޭޖްމަންޓްގެ ކަންތަކަށް އިންގިލާބީ ބަދަލެއް އަންނާނެއޭ. ރަނގަޅުގޮތެއްގައި މާލޭގެ ކުނި މެޏޭޖްކުރުމުގެ ކަންތައްތައް ކުރިއަށްދާނެ،" މިނިސްޓަރު ޠާރިގް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި އަދި ރަށްރަށުގައި ކުނި މެނޭޖް ކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ގިނަ ރަށްރަށެއްގައި އެ މަސައްކަތް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމްކޮށްފައިވާ އިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ގިނަ ރަށްރަށެއްގައި އެ މަސައްކަތްތައް ފަށާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އެމްޑީ އިބްރާހިމް ފުއާދު ވާހަކަދައްކަވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވީ އެ ކުންފުންނަށް ހަވާލުކުރި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ފުރިހަމަކަމާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އަރުވާ ކަމަށެވެ.