13 Apr 2011, 11:37
ޓޯކިޔޯ: ހަލާކުވެފައިވާ ފުކުޝީމާ ނިއުކްލިޔަރ އެކުވެނީގެ ހަތްވަނަ ރިއެކްޓަރުން ބޭރުވާ ރޭޑިއޭޝަނާ ގުޅިގެން އެރިއެކްޓަރގެ ނުރައްކާ 5 ވަނަ ދަރަޖައިން 7 ވަނަ ދަރަޖައަށް ޖަޕާނުން މަތިކޮށްފިއެވެ.
7 ވަނަ ދަރަޖައަކީ ނިއުކްލިޔަރ ނުރައްކާ މިނާ ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑެވެ. މިއީ 1986 ވަނަ އަހަރު ޔުކްރޭންގެ ޗެރްނޮބޭލް ނިއުކްލިޔަރ ރިއެކްޓަރުގެ ކާރިޘާއަށްވެސް ދިން ދަރަޖައެވެ.
ނިއުކްލިޔަރ ސަލާމަތާބެހޭ ޖަޕާނުގެ އެޖެންސީން ބުނިގޮތުގައި މީގެ މާނައަކީ 1986 ވަނަ އަހަރު ޗެރްނޮބޭލް ނިއުކްލިޔަރ ކާރިޘާއިން ބޭރުވި ނުރައްކާތެރި މިންވަރަށް ފުކުޝީމާ އެކުވެނިން ރޭޑިއޭޝަން ބޭރުވި ވާހަކައެއްނޫނެވެ. ނަމަވެސް ފުކުޝީމާ އެކުވެނީގެ 7 ވަނަ ރިއެކްޓަރގެ ނުރައްކާތެރިކަންހުރީ އެފަދަ ދަރަޖައެއްގައި ކަމަށް އެއެޖެންސީ ބުނެއެވެ.
ފުކުޝީމާ އެކުވެނީގެ ސަރަޙައްދުގައި ރޭޑިއޭޝަން މިހާރުހުރީ ޗެރްނޮބޭލް ކާރިޘާ ހިނގި ދުވަސްވަރު އެސަރަޙައްދުގައި ރޭޑިއޭޝަން ހުރި މިންވަރަށްވުރެ 90 % ދަށްކޮށް ކަމަށް ޖަޕާނުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީން ބުނެއެވެ. ސަބަބަކީ ފުކުޝީމާ ސަރަޙައްދުގައިވާ ރޭޑިއޭޝަންގެ މިންވަރު މިހާރު ދަށަށްދާން ފަށާފައިވާތީ ކަމަށް އެއެޖެންސީން ހާމަކުރެއެވެ.
އަނެއްކޮޅުން ޖަޕާނުގެ ނިއުކްލިޔަރ މައްސަލައަށްފަހު އެޤައުމުގައި އުފައްދާ ކާބޯތަކެއްޗާއި ޖަޕާނާ އެންމެގާތް އަވަށްޓެރި ޤައުމުތަކުގައި އުފައްދާ ކާބޯތަކެއްޗާއި އެނޫން ތަކެއްޗާ މެދު ސަމާލުވުމަށް ނިއުކްލިޔަރ ތަޖްރިބާކާރުންނާއި ތިމާވެށީގެ ހޭލުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
މިފަދަ ޤައުމުތަކުގައި އުފައްދާ ކާބޯތަކެއްޗާއި އެނޫންތަކެތީގައި ރޭޑިއޭޝަންގެ އަސަރު ހުރިތޯ ބެލުމަށްފަހުގައި ނޫނީ ބޭނުން ނުކުރުމަށްވެސް މިފަރާތްތަކުން އިލްތިމާސް ކުރެއެވެ.
ޖަޕާނުގެ ރިއެކްޓަރ ތަކުން ބޭރުވެފައިވަނީ ރޭޑިޔޯ އެކްޓިވް ސިޒިޔަމްއާއި އަޔޮޑިންއެވެ. މީގެ އަސަރު އެއްވެސް ވަސީލަތަކުން އިންސާނުންނަށް ކޮށްފިނަމަ ތައިރޮއިޑް ކެންސަރާއި ކެންސަރުގެ އެހެން ބާވަތްތައް ޖެހުމުގެ ފުރްސަތު އެތަށް ސަތޭކަ ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެއެވެ. -- ނޫސްއެޖެންސީތައް