31 Dec 2015, 10:42
ޓްރިވެންޑްރަމް، އިންޑިއާ (31 ޑިސެމްބަރު) -އަފުޣާނިސްތާން ފުޓްބޯޅައިގައި ވޭތުވެދިޔަ މެޗްތަކާ މެދުވެސް ނުވިސްނާ ކަމަށާއި ކުރިއަށް ހުރި މުބާރާތް ތަކާމެދުވެސް ނުވިސްނާ ކަމަށާއި މިއަދަށް މުހިންމީ، މިއަދު ސާފް ސުޒުކީ ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗް ކަމަށް އަފްޣާނިސްތާންގެ ކޯޗް ޕީޓާ ސާގެޓް ބުނެފިއެވެ.
އަފުޣާނިސްތާނާ ލަންކާ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގައެވެ.
މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާގެޓް ބުނީ، ދިފާއީ ގޭމެއް ކުޅުނަސް އަދި އެޓޭކިން ގޭމެއް ކުޅުނަސް ލަންކާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި މިއަދުގެ މެޗުން ނަތީޖާ ނެރެން ބޭނުންވެއްޖެނަމަ ހައްލު ތަކެއް ހޯދަން ޖެހޭ ކަމަށެވެ.
"ނޭޕާލުވެސް މުބާރާތުން ކަޓައިގެން ދިޔައީ ލަންކާ އަތް ދަށުވެގެން. އަހަރެން ދުށިން އިންޑިއާވެސް އެޓީމާ ދެކޮޅަށް ކުޅެން އުނަދަގޫވެގެން އުޅުނު ތަން. ލަންކާއާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ،" ސާގެޓް ބުންޏެވެ.
މުބާރާތުގައި އަފުޣާނިސްތާނުން ގިނަ ޢަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު، މިއަދުގެ މެޗްގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ތޯ ސުވާލު ކުރުމުން ސާގެޓް ބުނީ، މިވަގުތު މުހިންމީ ސީރިއަސްކޮށް ކުޅޭނެ ކުޅުންތެރިން ކަމަށާއި ޒުވާން ކުޅުންތެރިން ފެނިދާނެތޯ ވާހަކަ ދައްކަނީ ފަހުން ކަމަށެވެ.
އަފުޣާން ޓީމުގެ ކެޕްޓަން ފައިސަލް ޝައިސްތޭ ބުނީ އަފުގާނިސްތާނުގައި އޮތީ ފުޓްބޯޅައިގެ ފޯރި ހިއްޕާލާފައި ކަމަށާއި އެގައުމުން މިއަދު ނިކުންނަނީ އެގައުމުގެ 35 މިލިއަން މީހުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކަމަށެވެ.
އަދި އަފުޣާން ޓީމަކީ އެގައުމުގައި ކުޅޭ ކުޅުންތެރިންނާއި ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށާއި ކޮންމެތާކުން އައި ނަމަވެސް ކުޅުންތެރިން ތަމްސީލު ކުރާނީ އަފުޣާނިސްތާން ކަމަށް ފައިސަލް ބުންޏެވެ.