އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާއި ރަޝިޔާއާ ދެމެދު ގުޅުންތަކެއް ހިނގަމުންދާކަން ހާމަވެއްޖެއެވެ.

މިގުޅުންތައް ހިނގަމުންދާކަން ރަޝިޔާ ސަރުކާރާއި އަފްޣާން ސަރުކާރުން ކަށަވަރުކޮށްދީފައިވާއިރު ތާލިބާނުންގެ ލީޑަޝިޕުން މިކަން ދޮގުކުރެއެވެ. ނަމަވެސް ތާލިބާންގެ ލީޑަޝިޕަށް ނިސްބަތްނުވާ އެޖަމާއަތުގެ ބައެއް އިސް މެންބަރުންވަނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށްޓަކައި ރަޝިޔާއާއި ތާލިބާނުންގެ ގުޅިފައިވާ މަސްލަހަތުތަކެއް ހުރިކަން ފާހަގަ ކޮށް އެދެފަރާތުގެ ދެމެދުގައި މުއާމަލާތްތަކެއް ކުރެވެމުންދާކަން ކަށަވަރުކޮށްދީފައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ އަފްޣާނިސްތާނުގެ ކަންތައްތަކާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޒާމައިރު ކަބްލޯވް ވިދާޅުވިގޮތުގައި ރަޝިޔާގެ ބައެއް ޑިޕްލޮމޭޓުން ދާދިފަހުންވަނީ އަފްޣާނިސްތާނަށް ވަޑައިގެން އަފްޣާން ސަރުކާރުގެ ރުހުމާއެކު ތާލިބާނުންގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ނަމަވެސް ރަޝިޔާގެ ޑިޕްލޮމޭޓުން ތާލިބާނުންނާ ބައްދަލުކުރެއްވި ތަނެއް އަދި އެބައްދަލުކުރެއްވުމުގައި ބައިވެރިވި ތާލިބާނުންގެ މަސްއޫލުވެރިންގެ ނަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ހުޅަނގުގެ ބައެއް ނޫސްތައް ބުނާގޮތުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ތާލިބާނުންގެ ޒަޢީމް މުއްލާ އަޚްތަރު މަންސޫރުއާ ތަޖަކިސްތާނުގެ އެކަހެރި ހިސާބެއްގައި ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުން އިންތިޒާމްކުރީ ތަޖަކިސްތާން ސަރުކާރުން ކަމަށްވެސް ތާލިބާނުންގެ އިސް ފަރާތްތަކާ ހަވާލާދީ ހުޅަނގުގެ ނޫސްތައް ބުނެއެވެ. ނަމަވެސް ތާލިބާނުންނާއި ރަޝިޔާއިންވެސް ރަސްމީ ސިފައެއްގައި މިކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ރަޝިޔާގެ ބައެއް ޑިޕްލޮމޭޓުން ތާލިބާނުންގެ ބައެއް ލީޑަރުންނާ ބައްދަލުކުރެއްވިކަމަށްވެސް އެއްބަސްވުމަށްވެސް ތާލިބާނުންވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ހުޅަނގުގެ ބައެއް ނޫސްވެރިންނަށް ނުރަސްމީކޮށް ދޭ މައުލޫމާތުގައި ތާލިބާނުންގެ ލީޑަރުން މިކަމަށް އެއްބަސްވެފައިވެއެވެ. ރަޝިޔާއަކީ ތާލިބާނުން ހަރުކަށި ޖަމާއަތެއްކަމަށް ސިފަކުރާ ގައުމެކެވެ. ނަމަވެސް އެމެރިކާއާ ޚިލާފަށް ރަޝިޔާއިން ތާލިބާން ޖަމާއަތާ ދެކޮޅަށް ހަނގުރާމައެއް ނުކުރެއެވެ.

އަނެއްކޮޅުން ތާލިބާނުން ރަސްމީކޮށް ސިފަކުރާގޮތުންނަމަ ރަޝިޔާއަކީ އިސްލާމްދީނާ ދުޝްމަން ކާފަރުގައުމެކެވެ. އަދި ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު (ކުރީގެ ރޫސީވިލާތުން) އަފްޣާނިސްތާނުގެ އޭރުގެ ކޮމިއުނިސްޓް ވެރިކަން ހިމާޔަތް ކުރުމަށްޓަކައި، އަފްޣާނިސްތާނަށް އަރައި ކުރި ހަނގުރާމައިގާ އަފްޣާން އާންމުންގެ އެތަށް ހާސްބަޔަކު މަރައި އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ ތާލިބާނުން މިހާތަނަށް ބަލަމުން ގެންދިޔައީ ރަޝިޔާއަކީވެސް ދުޝްމަނެއްގެ ގޮތުގައެވެ.

މިހުރިހާ ކަންތައްތަކާއެކުވެސް ރަޝިޔާ ސަރުކާރާއެކު ތާލިބާނުން މިހާރު މުއާމަލާތް ކުރަމުން ގެންދާކަމީ ހަގީގަތެކެވެ. މިކަމުގެ ފަހަތުގައި އެތަކެއް ސަބަބު ވެއެވެ. މީގެތެރޭގައި އެމެރިކާއާއި ރަޝިޔާގެ ގުޅުންތައް ގޯސްވެ އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތައް ރަޝިޔާއަށް އަމާޒުވުމާއި ތާލިބާނުންގެ ބޮޑު ދުޝްމަނެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް ރަޝިޔާ ހަނގުރާމަ އިޢްލާންކުރުމުގެ އިތުރުން ވައިގެ މަގުން ރަޝިޔާއިން އައިއެސްއާ ދެކޮޅަށް ހަމަލާތައް ދޭން ފެށުން ހިމެނެއެވެ.

ތާލިބާނުން ބަލަނީ އައިއެސްއަކީ އެޖަމާއަތުގެ ވުޖޫދަށްއޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. މިގޮތަށް އައިއެސްއާ މެދު ތާލިބާނުން ދެކޭ ސަބަބުތަކުގެ ތެރޭގައި އައިއެސްއަކީ އެޖަމާއަތް ފިޔަވައި އެހެން އެއްވެސް އިސްލާމީ ޖަމާއަތެއް އޮވެގެންނުވާނެ ކަމަށާ އިސްލާމްދީނުގައިވާ ގޮތަށް އުޅޭ ޖަމާއަތަކީ ހަމައެކަނި އައިއެސް ކަމަށް އެޖަމާއަތުން ބުނާބުނުން ހިމެނެއެވެ. މީގެއިތުރުން ތާލިބާން ހަނގުރާމަވެރިން އައިއެސް އަށް ވެއްދުމަށް ކުރާ މަސައްކަތްތަކަކީވެސް ތާލިބާނުންނަށް އޮތް ބޮޑުގޮންޖެހުމެކެވެ.

ތާލިބާނުން ފާދިފަހުންވަނީ އައިއެސް ޖަމާއަތުގެ ފިކުރު ތާލިބާނުންގެ ތެރޭގައި ފެތުރުމަށް މަސައްކަތް ކުރަމުން ގެންދިޔަ ހަތަރު މީހެއްގެ ކަރުބުރުކޮށް އެމީހުން ކަތިލައިގެން މަރާލާފައެވެ. ކަރުބުރުކޮށް ކަތިލައިގެން މީހުން މެރުމަކީ އާންމު ގޮތެއްގައި އައިއެސް ޖަމާއަތުން ކުރާކަމެކެވެ. ތާލިބާނުން މަރުގެ އަދަބުދެނީ މިގޮތަކަށްނޫނެވެ. އެހެންކަމުން އައިއެސްގެ ސްޓައިލަށް މަރުގެ އަދަބު ދިނުމަކީ ތާލިބާނުން އައިއެސްއަށް ދިން މެސެޖެއްކަމަށް ވަނީ ބެލެވިފައެވެ.
ތާލިބާނުންގެ މަސްލަހަތު އައިއެސް ފުށުއަރާ އަނެއްކަމަކީ ތާލިބާނުންނަކީވެސް އައިއެސްއާ ނުގުޅޭނަމަ ކާފަރުންކަމަށް ބަލައި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ފަށާނެކަމުގެ އިންޒާރުތައް އައިއެސްއިން ދެމުން ގެންދިޔުމެވެ.

އައިއެސްގެ ޚަލީފާއަށް ތަބާނުވާކޮންމެ މުސްލިމަކީ ކާފަރެއްކަމަށް އައިއެސްއިން ސިފަކުރެއެވެ. އެހެންކަމުން އައިއެސްއިން މަސައްކަތްކުރަނީ ތާލިބާން ހަނގުރާމަވެރިން އައިއެސްއަށް ވައްދައިގެން ތާލިބާނުން ނައްތާލުމަށް ކަމަށް ތާލިބާނުން ގަބޫލުކުރެއެވެ.

ތާލިބާނުންނަކީ އެޖަމާއަތް އެހެން ގައުމުތަކަށް ފުޅާކޮށް އެޖަމާއަތުގެ ހަރުކަށި ފިކުރު އެހެން ގައުމުތަކަށް ފަތުރަން މަބޮޑަށް މަސައްކަތްކުރާ ޖަމާއަތެއްނޫނެވެ. އަދި ތާލިބާނުންގެ ވެރިޔާއަކީ މުސްލިމުންގެ ޚަލީފާކަމަށްވެސް ތާލިބާނުން ދައުވާއެއް ނުކުރެއެވެ. މިއާ ޚިލާފަށް އައިއެސްއަކީ އެޖަމާއަތުގެ ގޮފިތައް އެހެން ގައުމުތަކުގައި އުފައްދައި އެޖަމާއަތުގެ ސަރަހައްދު ފުޅާކޮށް އެޖަމާއަތުގެ ހައްދުފަހަނަޅާފައިވާ ފިކުރު މުޅި އިސްލާމީ ދުނިޔޭގައި ފަތުރަން މަސައްކަތްކުރާ ހަރުކަށި ޖަމާއަތެކެވެ.

އައިއެސްގެ އަމަލުތައް މިގޮތަށް ހުރުމުން އައިއެސްގެ ފިކުރު އަފްޣާނިސްތާނަށާއި ޕާކިސްތާނަށް ފެތުރިއްޖެނަމަ ތާލިބާނުންގެ ބާރު މުޅިން ކެނޑި އެޖަމާއަތް އުވި އެޖަމާއަތުގެ ބާރާއި ނުފޫޒު ކެނޑިގެންދާނެކަމަށް ކަމަށް ތާލިބާނުން ދެކެއެވެ. އަނެއްކޮޅުން ރަޝިޔާގެ އެތެރޭގައިވާ އިސްލާމީ ޖުމްހޫރިޔާތަކުގެ ޒުވާނުންގެ މެދުގައި އައިއެސްގެ ފިކުރު ފެތުރެމުންދާ ދިޔުމަކީ އައިއެސްއާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ އިޢްލާންކުރި މައިގަނޑު ސަބަބެވެ. އައިއެސްގެ ފިކުރު ރަޝިޔާގެ އެތެރޭގައިވާ އިސްލާމީ ޖުމްހޫރިޔާތަކަށް ފެތުރިއްޖެނަމަ ރަޝިޔާގެ ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނެކަމަށް ރަޝިޔާ ދެކެއެވެ.

މިކަމަށްޓަކައި އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށް އައިއެސް ބަލިކޮށްލުމަކީ ތާލިބާނުންގެ އިތުރުން ރަޝިޔާގެވެސް ސްޓްރެޓީޖިކް އަމާޒެކެވެ. ތާލިބާނުންނާއި ރަޝިޔާގެ މަސްލަހަތު ގުޅޭ ހިސާބަކީ މިއީ ކަމަށް އެދެފަރާތުންވެސް ގަބޫލުކުރެއެވެ.