31 Dec 2015, 10:16
ސްޕެނިޝް ލަލީގާގައި އެންމެ ކުރީގައި އޮތް ތިން ޓީމު ރޭ ކުޅުނު މެޗުތައް ވަނީ ކާމިޔަބު ކޮށްފި އެވެ.
ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމު މޮޅުވުމުން ޕޮއިންޓް ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެގޮތުން ބާސެލޯނާ އާއި އެތުލެޓިކޯ އަށް 38 ޕޮއިންޓް ލިބިފައިވާ އިރު ބާސާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ރެއާލް މެޑްރިޑް ތިން ވަނާގައި އޮތީ 36 ޕޮއިންޓާއި އެކީގަ އެވެ. ނަމަވެސް ރެއާލް އާއި އެތުލެޓިކޯ 17 މެޗު ކުޅެފައިވާ އިރު ބާސާ ކުޅެފައިވަނީ 16 މެޗެވެ. އެހެން ކަމުން ބާސާ އެއްވަނާގައި ލީޑް ފުޅާ ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ރެއާލް ބެޓިސް ކުޅުނު މެޗުގައި ބާސާގެ ނޭމާ ބޯޅަ ހިަފއިގެން ކުރިއަށްދާ އިރު ބެޓިސްގެ ކުޅުންތެރިން ބޯޅަ ހޯދުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ
ބާސަގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗުގައި އެ ޓީމަށް ލުބުނު ޕެނަލްޓީ ނޭމާ އަށް ގޯލުގެ ތެރެއަށް ފޮނުވާ ނުލެވުނު އިރު، ދަނޑީގައި ޖެހިފަ ނިކުއިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބެޓިސްގެ ވެސްޓަމަންގެ އަތުން ވަނީ ގޯލުގެ ތެރެއަށް ވެދެފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ލުއިސް ސުއަރޭޒް ކާމިޔާބް ކޮށްދިން އިރު މެސީ ވަނީ އެއް ގޯލް ޖަހައިދީފަ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް ވެލްކާނޯ ބައްދަލު ކުރި މެޗުގައި އެތުލެޓީކޯގެ ދެ ވަނަ ގޯލް ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
އެތުލެޓިކޯ މެޑްރިޑުން ރެއާލް ވެލްކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހަ ރީނދޫ ކާޑު ފެނިގެން ދިޔަ އެ މެޗުގައި އެތުލެޓިކޯއިން ކާމިޔާބު ކުރި ދެ ގޯލު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ އެންމެ ފަހު ދެ މިނެޓްގަ އެވެ. އެ ގޮތުން ފުރަތަމަ ގޯލް އެންހެލް ކޮރިއާ ކާމިޔާބު ކުރި އިރު ދެވަނަ ގޯލް މެޗުގެ 90 ވަނަ މިނެޓްގައި ޖަހައިދިނީ އެންޓޯނިއާ ގުރެޒްމެން ނެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސައިޑޭޑް ކުޅުނު މެޗުގައި ރޮނާލްޑޯ ބޯޅަ ހިފައިގެން --- ފޮޓޯ:އޭޕީ
ރެއާލް މެޑުރިޑުގެ ބާނެބިއުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ދެ ގޯލު ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔަބް ކުރި އިރު އަނެއް ގޯލް ކާމިޔާބް ކޮށްދިނީ ލޫކަސް ވެޒްކުއިޒް އެވެ. އެ މެޗުގެ ކުރީ ކޮޅުގައި ރެއާލް އަށް ޕެނަލްޓީއެއް ލިބުނު އިރު ރޮނާލްޑޯ ފޮނިވާލި އެ ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ގޯލުގެ މަތިންނެވެ. ރެއާލް ސޮސައިޑޭޑްގެ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބުރްމާ އެވެ.