31 Dec 2015, 10:48
ޓްރިވެންޑްރަމް، އިންޑިއާ (31 ޑިސެމްބަރު)- ސްރީ ލަންކާގެ ޓީމަކީ މެޗްގެ ކޮންމެވެސް ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށާއި ފައިނަލަށް ދިއުމުގެ އުންމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗް ސަމްޕަތު ޕެރޭރާ ބުނެފިއެވެ.
ސާފް ސުޒުކީ ކަޕްގެ ސެމީފައިނަލު ދެ ވަނަ މެޗްގައި މިއަދު އަފުޣާނިސްތާނާ ދެކޮޅަށް ނިކުންނަ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕެރޭރާ ބުނީ، މިފަހަރުގެ ސާފުގެ މުބާރާތުގައި ވާދަ ކުރާ ލަންކާ ޓީމަކީ ފިޒިކަލީ ގޮތުން ރަނގަޅު ޓީމެއް ކަމަށެވެ.
"އަހަންނަކަށް ނޭނގެ ކޮން ވަގުތެއްގައި ކަމެއް. އެކަމަކު މެޗްގެ ކޮންމެވެސް ވަގުތެއްގައި ނަތިޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ލަންކާގެ ޓީމުގައި އެބަތިބި،" ޕެރޭރާ ބުންޏެވެ.
އޭނާ ފަށާނީ ޑިފެންސުން ކަމަށާއި ޓީމުގައި ބައެއް އިންޖަރީތައް ހުރިނަމަވެސް ސީރައަސް އިންޖަރީއެއް ނެތް ކަމަށް ޕެރޭރާ ބުންޏެވެ.
އަދި ލަންކާއަށް ފަސް ދުވަހުގެ ރެސްޓެއް ލިބުމަކީ އެޓީމަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ ކަމަށް ޕެރޭރާ ބުންޏެވެ.