31 Dec 2015, 10:13
އިސްލާމްއާބާދު (ޑިސެމްބަރ 31): ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ބޯޑަރު ކައިރީގައި ހިނގާ ނުތަވަސްތުންތައް ކުޑަކުރުމުގެ ގޮތުން ދެގައުމުގެ އަސްކަރީ ކޮމާންޑަރުންގެ މެދުގައި އިއްޔެ ހޮޓްލައިނެއް ތައާރަފްކޮށްފި އެވެ.
ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނުގެ ޓުވީޓެއްގައި ވާގޮތުން ދެ ގައުމުގެ އަސްކަރީ ކޮމާންޑަރުންނަށް ހާއްސަ ހޮޓްލައިނެއް ތައާރަފް ކުރުމަށް ދެގައުމުން ނިންމީ އާދިއްތަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޕާކިސްތާނުގެ އަސްކަރީ ޗީފް، ޖެނެރަލް ރަހީލް ޝަރީޕް ކުރެއްވި ދަތުރުފުޅެއްގައި އެވެ.
މީގެ ކުރިން އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު، ނަވާޒް ޝަރީފް ވަނީ ތާލިބުންނާއި އަފްޣާންގެ ސަރުކާރާ ދެމެދު ސުލްހަ ކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަފްޣާނިސްތާނުން ދެކޭ ގޮތުގައި ތާލިބާނުންނާއި އެގައުމާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ޕާކިސްތާނުގެ އެހީ ވަރަށް މުހިއްމެވެ.
އަފްޣާނިސްތާނުގެ އަސްކަރިއްޔާ އިން މިހާރު ދަނީ ތާލިބާނުން ހިފާފައިވާ އެގައުމުގެ ސަރަހައްދުތަކުން އެޖަމާއަތުގެ ބައިވެރިން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. (ނޫސްއޭޖެންސީތައް)