31 Dec 2015, 10:00
މާދަމާ ފެށޭ އާ އަހަރަކީ އިގްތިސާދީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ފެށިގެންދާނެ އަހަރެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ސުޕެޝަލް އިކޮނޮމިކު ޒޯން (އެސްއީޒެޑް) ބޯޑުގެ ޗެއާމަން މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރު ތެރޭގައި ގިނަ ޕުރޮޖެކްޓްތައް ފެށިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ހުޅުމާލޭ، މާލޭ ބުރިޖުގެ މަޝްރޫއާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ގެ ރަންވޭގެ މަސައްކަތާއި ތިލަފުށީގައި ހެދުމަށް ނިންމާފައިވާ ޕޯޓްގެ މަސައްކަތް ހިމެނޭ ކަމަށެވެ.
"އަންނަ އަހަރަކީ އިރާދަކުރެއްވިއްޔާ ބޮޑެތި ޕުރޮޖެކްޓްތައް ފެށިގެންދާނެ އަހަރެއް، އޭގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް މީގެ ކުރިން ނުފެންނަ ވަރަށް އިރާދަކުރެވިއްޔާ އިގްތިސާދީ ދުވެި ހަރުދަނާވެ ކުރިއަރައިގެން ދާ ދިއުމުގެ އިތުރަށް ދިވެހި ރާއްޖޭގެ އިގްތިސާދީ ބޮޑެތި މަސައްކަތްތައް ކުރެވެމުންދާތީ މީގެ ކުރިން ނުފެންނަ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ހުޅުމާލެ ތަރައްގީގެ މަޝްރޫތަކާއި އެސްއީޒެޑްގެ ދަށުން ވެސް ޕުރޮޖެކްޓްތައް އަންނަ އަހަރު ފެށިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިން މިކުރާ މަސައްކަތްތައް ވެސް އިރާދަ ކުރެއްވިއްޔާ އޭގެ ތެރެއިން ބައެއް މަސައްކަތްތައް އަމަލީ މަސައްކަތާއި ހަމައަށް ދެވޭނެ އަންނަ އަހަރު އިރާދަކުރެއްވިއްޔާ." މިނިސްޓަރު ވިދާޅުވި އެވެ.
ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މި އަހަރު 200 މިލިއަނާ ގާތް ކުރާ އަދަދަކަށް ލޯންތައް ދޫކޮށްފައިވާ އިރު އަންނަ އަހަރު ތެރޭގައި ވެސް އެގޮތަށް ލޯންތައް ދޫކުރަން ނިންމާފައިވާ އިރު ކުރެޑިޓް ގެރެންޓީ ސްކީމްގެ ތެރެއިންވެސް ހިދުމަތް ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެންޓަޕްރައިޒް ޑިވޮލަޕްމެންޓްގެ ތެރެއިން އިތުރު އިނާއަތްތައް، އިތުރު ލުއި ފަސޭހަތައް ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ އިންތިޒާމް މިހާރު ވެސް އެވަނީ ހަމަޖެހިފައި." މިނިސްޓަރު ވިދާޅުވި އެވެ.