31 Dec 2015, 10:10
ނުދަންނަ ނަންބަރުތަކުން ގުޅައި މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީސް މީހުންގެ ބޭންކު އެކައުންޓުތަކުން ފައިސާ ނަގަމުން ދިޔަ މީހަކު ލ. އަތޮޅުން ހައްޔަރު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ކަމަށެވެ.
އެ މީހާ ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ލ.ގަން މެޖިސްޓުރޭޓް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް އެކަމަށް އެކުލަވާލާފައިވާ ފުލުހުންގެ ހާއްސަ ތަހުގީގު ޓީމާއި ލ.ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މީސްމީހުންގެ އެކައުންޓުތަކުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައާ ގުޅިގެން ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް އަދި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުނިތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އަދި މަކަރާއި ހީލަތުން ބޭންކު އެކައުންޓުތަކުން ފައިސާ ނަގައިގެން ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ އަދަދު މަދުވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.