ޝަރްމުއްޝައިޚް : މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރި މިސްރު ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވި މައްސަލައާއި ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން ކުރާ ތަހްޤީްޤްތަކަކަށް މުބާރަކް ޙާޒިރު ކުރެއްވުމާއެކު ސިއްޙީ ޙާލުކޮޅު ދަށަށްގޮސްގެން ކުއްލި ޙާލަތުގައި އޭނާ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިއްޖެއެވެ.

ޤާހިރާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބަޔާންކުރާ ގޮތުގައި މުބާރަކާއެކު އޭނާގެ ދެދަރިންވެސް މިތަޙްޤީޤްތަކަށް ޙާޒިރު ކުރެވުނެވެ. އެއަށްފަހު ތަޙްޤީޤްކުރުމަށް ބޭނުންވާ ސުވާލުތައް މުބާރަކާ ކުރަންފެށުމުން އޭނާ އަނބުރައިގަނެ ހޭފުޅަށް ގޮތްވާން ފެށިއެވެ. އެއާއެކު ޝަރްމުއްޝައިޚްގެ ހޮސްޕިޓަލަކަށް ކުއްލި ޙާލަތުގައި މުބާރަކް ގެންގޮސް އައި.ސީ.ޔޫ. ގައި ފަރުވާދޭން ފެށުނެވެ. މިހާރު މުބާރަކްގެ ޙާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ.

މިސްރުގެ ބައެއް ނޫސްތަކާއި މިސްރުގެ ޓީވީ ބުނާގޮތުން މުބާރަކަށް ޖެހިވަޑައިގަތީ ހާޓް އެޓޭކެކެވެ. ނަމަވެސް މިސްރުގެ ރަސްމީ ފަރާތަކުންވެސް އަދި ހޮސްޕިޓަލުންވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިސްރުގެ މަޝްހޫރު ނޫހެއްކަމަށްވާ އަލްއަހްރާމް ބުނިގޮތުގައި ބަލިކަމަށް ހެދިވަޑައިގެން މުބާރަކް ހެއްދެވީ މަކަރެކެވެ. މިކަމުގެ ބޭނުމަކީ އޭނާގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤްތަކުން ސަލާމަތް ވާނެ ގޮތެއް ހޯއްދެވުމެވެ.

މުބާރަކްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތު ވެއްޖެނަމަ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެއެވެ. މުބާރަކްގެ ވެރިކަން މިއަހަރުކުރީކޮޅު ވެއްޓުނީ ރައްޔިތުންގެ އުުތުރިއެރުމަކުންނެވެ. މިއުތުރިއެރުމާއެކު ރައްޔިތުންގެ ވަރުގަދަ އިންޤިލާބެއް މިސްރަށް އައިސް މުބާރަކާއި އޭނާގެ އަޢްވާނުންނާ އޭނާގެ ޢައިލާ ވެރިކަމުން ދުރުކުރެވި ބައެއް އަޢްވާނުންނާއި އޭނާގެ ދައުރުގެ ބައެއް ވަޒީރުންވަނީ ޖަލަށްލެވިފައެވެ.(މިސްރުގެ މީޑީޔާ+އަލްޖަޒީރާ)