ދިވެހި ސަޕޯޓަރުންނަށް ވުރެ ބޮޑަށް ގައުމީ ފުޓްބޯޅަ ޓީމަށް ނަސްރަށް އެދޭ ބަޔަކު އެބަ ތިއްބެވެ. ގައުމީ ޓީމުގެ ކޯޗާއި އޮފިޝަލުންނަށް ވުރެ ބޮޑަށް ކުޅުންތެރިން މޮނީޓާ ކުރާ ބަޔަކު ތިބިކަން އިނގޭ ހެއްޔެވެ؟ އެއީ އެ ކުޅުންތެރިންގެ އާއިލާ އެވެ. މަންމަ އާއި ބައްޕަ އެވެ. އެ މަންމަ އާއި ބައްޕަ ކޮންމެ ރެއަކު ނިދަން އޮށޯންނަނީ ދަރިފުޅު ތަމްސީލު ކުރާ ގައުމީ ޓީމަށް ނަސްރަށް އެދި ދުއާ ކުރަމުންނެވެ. އެ މީހުންނަށް ވުރެ ބޮޑަށް އެ ކުޅުންތެރިންނަށް ހެޔޮ އެދި، ދުއާ ކުރާ ބަޔަކު ނުތިބޭނެ އެވެ.

ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ ދެކޮޅަށް ރާއްޖެ މިއަދު ނުކުންނައިރު، އެ ކުޅުންތެރިންގެ މަންމައިންނާއި ބައްޕަމެން ނުކުމެތިބީ އެންމެ ވަރުގަދަ ހަތިޔާރެއް ހިފައިގެންނެވެ. ހެ ހަތިޔާރަކީ ކާމިޔާބީ އާއި ނާކާމިޔާބީއާ ގުޅިފައިވާ ހަތިޔާރެކެވެ.

އަޒުމާއި ހިތްވަރާ އެކު ކާމިޔާބީއަށް ކުރިމަތިލާ އިރު، އެންމެ ވަރުގަދަ ހަތިޔާރަކީ މާތްﷲގެ ހަޟުރަތުގައި ކުރާ ދުއާ އެވެ. ސާފު ހިތަކައިގެން އެދި ކުރާ ދުއާ އެވެ. އިސްލާމީ ރިވެތި އަހުލާގުގެ ތެރޭގައި ހުރެ، ކުރާ ދުއާ އެވެ. ދަރިންނަށްޓަކައި ކުރާ ދުއާ އިޖާބަ ކުރައްވާނެކަން ވަނީ އަންގަވާފަ އެވެ. ޓީމުގެ ކުޅުންތެރިންގެ މަންމަމެން މިއަދު ހިފަހައްޓައިގެން ތިބީ އެ ހަތިޔާރުގަ އެވެ.

އެކަން އެނގެނީ ސަންއާ ވާހަކަ ދެއްކި ބައެއް ކުޅުންތެރިންގެ މަންމަމެން ހިއްސާ ކުރި ވާހަކަތަކުންނެވެ. އެއިން ކޮންމެ ކުޅުންތެރިއެއްގެ މަންމައެއްގެ ވާހަކަ ނިންމާލަނީ އެ ކުޅުންތެރިން ކުރަމުންދާ ހިތްވަރަށް ކާމިޔާބު ލިބުމަށް އެދި ދުއާ ކުރަމުންނެވެ.

ކީޕަރު މުހައްމަދު އިމްރާންގެ މަންމަ

ކޮލަންބޯގައި ހުރި އިމްރާންގެ މަންމަ އައިމިނަތު އާދަމް "ސަން"އަށް ބުނީ އިމްރާނަކީ ކުރާ ކަމެއްގައި ހިތްވަރާ އެކު މަސައްކަތްކޮށް ނަތީޖާ ނެރެން ކެރޭ ދަރިއެއް ކަމަށާއި މިއަދު ކުޅޭ މެޗުން ރާއްޖެ މޮޅުވެ، ފައިނަލަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ހިތްވަރާ އެކު މަސައްކަތް ކުރީމާ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. ކުރާކަމެއް ހިތްވަރާއެކު މަސައްކަތް ކުރަން ކެރޭ ކުއްޖެއް އިމްރާނަކީ. އިރާދަ ކުރެއްވިއްޔާ ރަނގަޅު ކާމިޔާބީއެއް ލިބި، ފައިނަލަށް ރާއްޖެ ދާނެ. އިމްރާން މެޗު ކުޅޭ އިރު ނިމެންދެން އަބަދުވެސް އިންނަނީ ޓީވީ ދޮށުގައި،"އައިމިނަތު އާދަމް

އައިސްތު އަލީ: އަލީ ފާސިރު (ސެންޓޭ)ގެ މަންމަ

ސެންޓޭ އުފަން ރަށް، ބ. އޭދަފުށީގައި ހުރި އޭނާގެ މަންމަގެ ބުނި ގޮތުގައި އާއިލާ އާއި ރަށުގެ ރައްޔިތުން ތިބީ ސެންޓޭއާއެކުގަ އެވެ. ރާއްޖެ މެޗު ކުޅޭ ކޮންމެ ދުވަހަކު ރަށުގެ ގިނަ ބަޔަކު ޖަމާވެ ތިބެ، ސެންޓޭއަށް ހިތްވަރު ދިނުމަށް އެންމެން ތިބެނީ ކެތްމަދުވެފައި ކަމަށް ސެންޓޭގެ މަންމަ ބުންޏެވެ.

"ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރަން. ކުޑައިރުން ފެށިގެން ސެންޓޭއަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ކުއްޖެއް. މަންމަ އާއި ބައްޕަ ވެސް މިތިބީ ސެންޓޭއާއެކު. ލަނޑު ޖެހި ދުވަހު ވެސް ގޭ ތެރޭގައި ވަރަށް ފޯރި ނެގި. ބުނެލަން ބޭނުމީ ތިޔަ މަސައްކަތުގައި ކުރިއަށްދާށޭ،"އައިސްތު އަލީ

ހަސީބަތު އަލީ: އިސްމާއިލް އީސަ (މެސީ)ގެ މަންމަ

އިސްމާއިލް އީސަ (މެސީ)އަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާ އެވެ. އާއިލާ މެމްބަރުން ގަބޫލު ކުރާ ގޮތުގައި އޭނާއަކީ އާއިލާއަށް ހުރި ނަސީބެކެވެ. މުބާރާތުގައި އޭނާ ދައްކަމުންދާ ކުޅުމާމެދު އާއިލާ ތިބީ އުފަލުން ހެވިފަ އެވެ. ރ. ދުވާފަރުގައި ހުރި އޭނާގެ މަންމަ ބުނީ ދުވަހަކަށް ވުރެ ދުވަހެއް ގައުމީ ޓީމު ކުރިއަރައިގެން ދިއުމަކީ އޭނާގެ ދުއާ ކަމަށެވެ.

"ކުޑައިރުއްސުރެ ފެށިގެން ދަރިފުޅު އެ ކުރާ މަސައްކަތުގައި ކުލަ ޖެހެމުން ދާތީ ވަރަށް އުފާވޭ. ދިމާވާ ގޮންޖެހުންތަކާއެކުގައި ވެސް ކުރިމަތިލައިގެން ކުރިއަށްދާށޭ. މަންމަ އާއި ބައްޕަ އަދި މުޅި އާއިލާ ވެސް މިތިބީ ދަރިފުޅާއެކުގައި. މާތްﷲގެ ރަހުމަތްފުޅުން މި އަޅާގެ ދުއާއަކީ ދުވަހަކަށް ވުރެ ދުވަހެއް ގައުމީ ޓީމު ކުރިއަރައިގެން ދިއުން،"ހަސީބަތު އަލީ

ހަސަން ނާއިޒް (ދާދު)ގެ މަންމަ

ނާއިޒު ޖެހި ރީތި ލަނޑާ އެކު ދިވެހިންގެ ސަޕޯޓަރުންގެ ތައުރީފަކަށް އަދިވެސް ހުއްޓުމެއް ނެތެވެ. އޭނާގެ ހުނަރާމެދު ނާއިޒް އުފަން ރަށް ރިނބިދޫ މީހުން ތިބީ އުފަލުންނެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރި، ނާއިޒާ ބެހޭ ގޮތުން އޭނާގެ މަންމަ ބުނީ، ނާއިޒް މިހާރު ހުރި ހިސާބަށް ދެވުމުން އަބަދުވެސް ހަމްދު ކުރާ ކަމަށެވެ.

"އޭނާ އަކީ ހަމައެކަނި ހުރި ފިރިހެން ދަރި. އޭނާ އެހާ ކުރިއަށްދާތީ ވަރަށް އުފާވޭ، އެ ހިސާބަށް ދެވުނީތީ ވަރަށް ޝުކުރުވެރިވަން. އެއްފަހަރުން އަނެއް ފަހަރަށް ކުރިއަަށް ދިއުމުގެ ފުރުސަތު އެ ދަނީ ބޮޑުވެގެން. އެކަހަލަ ފުރުސަތެއް ލިބުނީތީ ވެސް ޝުކުރު ކުރަން. ކުރިއަށް އޮތް މެޗަަށް ވެސް ހިތްވަރުދީ، ރަނގަޅު ކާމިޔާބީއެއް ލިބުމަށް ދުއާކޮށް ހަދަން،"ވަފިއްޔާ މޫސާ

ހަމްޒަތު (ހަމްޕު) މަންމަ

ސެމީ ފައިނަލަށް ގައުމީ ޓީމު ނުކުންނަ އިރު، ޓީމުން ވިދާލާ އެންމެ އުޖާލާ ކުޅުންތެރިޔާ ހަމްޕު މަންމަ ބުނީ މުބާރާތުން ރަނގަޅު ވަނައެއް ހޯދައިގެން މުޅި ރާއްޖެއަށް އުފާވެރިކަން ގެންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެ ކާމިޔާބީއަށް އެދި ދުއާ ވެސް ކުރާނެ ކަމަށެވެ.

"ފައިނަލުގައި ކުޅެ ރަނގަޅު ވަނައެއް ހޯދައިގެން މަންމަ އާއި މުޅި ރާއްޖެއަށާއި އޭދަފުއްޓަށް އުފާވެރިކަން ގެނައުމަށް ވަރަށް ބޮޑަށް ދުއާ ދަންނަވަން،" ރާޝިދާ ޔޫސުފް

އަންސަރުގެ މަންމަ

އަންސަރު މަންމަ "ސަން"އަށް ބުނީ ފިޔަވަޅު އަޅަން ދަސްކުރަން ފެށީއްސުރެ އޭނާ އެންމެ ޝައުގުވެރިކަން ހުންނަ ކަމަކީ "ބޯޅަ ތެޅުން" ކަމަށެވެ. ޝައުގުވެރިކަމާއެކުގައި އަންސަރު އެކުރާ މަސައްކަތަށް ކާމިޔާބީ ލިބުމަކީ އޭނާގެ މަންމަގެ ދުއާ އެވެ.

"މަންމަ އާއި ބައްޕަ އަދި މުޅި އާއިލާ އޮތީ ގައުމީ ޓީމާއެކުގައި. ކިރިޔާ ފިޔަވަޅު އެޅީއްސުރެ ފަށައިގެން ވެސް ގޭތެރޭގައި ބޯޅަ ތަޅާ ކުއްޖެއް. ހަމައެކަނި ގޭގައި ވެސް އެކަން ކުރަނީ،"ހަދީޖާ އިބްރާހިމް

އަހުމަދު އިމާޒު (އާއްކޮ)ގެ މަންމަ

ސްކޫލުގައި ކިޔެވި ދުވަސްވަރު ޓިއުޝަން ކެންސަލު ކުރުމަށް ފަހު، ފުޓްބޯޅަ ކުޅެން ދިޔައީ އާއްކޮ އެވެ. ހުސް ވަގުތުގައި ލިބޭ ވަގުތަށްވުރެ އިތުރަށް ވެސް އާއްކޮ ފުޓްބޯޅަ ވަގުތު ހޭދަ ކުރެ އެވެ. އެއީ އޭނާގެ މަންމަ، ޝަރީފާ އާދަމް ކިޔައިދިން ވާހަކަ އެކެވެެ.

"ކުޑައިރު ޓިއުޝަނަށް ވެސް ކަޓުވާލަނީ ކުޅެންދިއުމަށް. އަބަދުވެސް ކުޅުންތެރިންނަށް ގުޅަމުންދަން. ދައްތަ ވެސް ހުރީ ކުޅުންތެރިންނާ އެކުގައި. ހިތްވަރާ އެކު މަސައްކަތް ކުރުމުން އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. އެކަމަށް އެދި ދުއާ ކުރުންމަތީ ދެމިތިބީ،"ޝަރީފާ އާދަމް

އައްސަދު އަލީ (އަޑޭ)ގެ މަންމަ

ގައުމީ ޓީމު މެޗު ކުޅެމުންދާ ދުވަސް ދުވަހު، ގޭތެރޭގައި ވަރަށް ސަޕޯޓު އޮންނަ ކަމަށާއި މިއަދުގެ މެޗުން ރާއްޖެ މޮޅުވާނެ ކަމުގެ ފޮނި އުންމީދުގައި ތިބި ކަމަށް އަޑޭގެ މަންމަ ނަސްރީނާ އާދަމް ބުންޏެވެ.

"ކާމިޔާބީއަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް މާތްﷲގެ ހަޒުރަތުގައި އަބަދުވެސް ދުއާ ކުރަން. ލަނޑެއް ޖެހުމުން އެކަމަށް ޝުކުރުކޮށް ހަދަން. ދުއާ ވެސް ކުރަން. ލަނޑު ޖެހުނީމައި ޝުކުރުކޮށް، ހަމްދު އަޅާ ހަދަން،"ނަސްރީނާ އާދަމް

މިއީ ކުޅުންތެރިންގެ މަންމަމެންގެ ޝުއޫރެވެ. މަންމަމެން ދެއްކި މަގުން ކުރިއަށް ގޮސް އެ ކުޅުންތެރިން އެ ކުރާ ބުރަ މަސައްކަތަށް ސާބަސް ހައްގެވެ. އެންމެންގެ ވެސް އެދުމަކީ ރާއްޖެ މިއަދު މޮޅުވެ، ގައުމަށް އުފާވެރިކަން ގެނެސްދިނުމެވެ. ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ބައިވެރިވުމެވެ. އެއް އަޒުމެއްގައި އަދި އެއްރޫހެއްގަ އެވެ. އެ ކަނބަލުންގެ ހަތިޔާރަކީ އެ ކަނބަލުންގެ ދުވާ އެ އެވެ. މުސްލިމުންނަށް ދުވާ އަށް ވުރެ ބޮޑު ހަތިޔާރެއް ނުވެ އެވެ. އެ މައިން ތިބީ އެ ހަތިޔާރުގައި ހިފަހައްޓައިގެންނެވެ.