ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބުރިޖުގެ އެންމެ ފަހުގެ މަސައްކަތްތައް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބުރިޖުގެ އެންމެ ފަހުގެ މަސައްކަތަކީ ތަނބުތައް މަތީގައި ސުޕަސްޓްރަކްޗާ މާލެއާއި ހުޅުލެއާ ގުޅުވާލާ ބައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް ހުރި ބުރިޖުގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައިވާ ތަނބުތަކުގެ ފައުންޑޭޝަންގެ މަސައްކަތް އަންނަ އަހަރުގެ މާޗު އެކެއްގައި ފަށާނެ ކަމަށެވެ.

"މި ފައުންޑޭޝަންގެ މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ވެސް ވަރަށް ބިޔަ ބޮޑު މަސައްކަތެއް. ކަނޑުގެ އަޑިން ބިންގަނޑުގެ އަޑިއަށް 70 މީޓަރު ފުންމިނަށް ފައުންޑޭޝަންގެ ފުންމިން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ފައުންޑޭޝަންގެ ކަނޑު އަޑީގެ ބައި އެކެއް ޖޫންގައި ފަށާއިރު އެ މަސައްކަތް ނިންމުމަށް ފަހު އަންނަ ސެޕްޓެމްބަރު އަށެއްގައި ތަނބުތަކުގެ މަލަމަތި އާންމުންނަށް ފެންނަން ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަށެއް ސެޕްޓެމްބަރަށް ފަހު ފެންނާނީ ބަޔަކަށް ފަހު ބައެއް ރޭވެމުން ބުރިޖު ގުޅެމުންދާ މަންޒަރު. އެގޮތުން ބުރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި ނިންމާ ތަނބުތައް މަތީގައި ހަދާ މައިގަނޑު ބޮޑީ 23 އޭޕްރިލް 2017 ގައި ހަދަން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބުރިޖުގެ މަޝްރޫއަކީ ދިވެހީންގެ އުއްމީދަށްޓަކައި ފެށިގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށް މުއިއްޒު ވިދާޅުވި އެވެ.