31 Dec 2015, 11:44
ވޭތުވެ ދިޔަ ކުރު މުއްދަތުގެ ތެރޭގައި ހުރިހާ ދާއިރާއަކުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރުވެ ވަރުގަދަވާން ފަށާފައިވާ ކަމަށް ޗައިނާގެ ކޮމާސް މިނިސްޓްރުގެ ނާއިބު ގައޮ ޔަން ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރުގެ ނާއިބު ވިދާޅުވީ ދެ ގައުމުގެ ގުޅުމަށް އަންނަމުންދާ ރަނގަޅު ބަދަލާއެކު ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމާއި ބައިލެޓަރަލް ޓްރޭޑް އަވަސް ސްޕީޑެއްގައި ތަރައްގީ ވަމުން އައުމާ އަދި ޓުއަރިޒަމް އަށް ބޮޑު ފައިދާއެއް ކުރުމަކީ އެ ގުޅުމުގެ ފައިދާ. އަދި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ،" ޔަން ވިދާޅުވިއެވެ.
ޔަން ވިދާޅުވީ ރާއްޖެއަކީ ޗައިނާގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައިވުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖެއަކީ ޗައިނާގެ އެކުވެރިއަކަށްވާއިރު ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިޞާދީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރިޖުގެ މަސައްކަތް ފެށުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ބުރިޖާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތައް އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމެވުމަށް ޗައިނާއިން ވާނީ ގިނަ ފިޔަވަޅުތަކެއް އަޅައި މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.