ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅޭފަދަ ޑޮކިއުމެންޓްރީތައް ނެހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބުރިޖު އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބަޔަކު ގެނެސްގެން ރާއްޖޭގެ ސިޔާދަތާއި ތަރައްގީއަށް ބޮޑެތި ގެއްލުން ދިނުމަށް ބައެއް ދިވެހިން ދާދި ފަހުން ވަނީ މަސައްކަތް ކޮށްފައި ކަމަށެވެ.

"ހިތާ ހިތުން ހަމަ ސުވާލު އާދޭ. އެއީ ހަމަ އަސްލުވެސް ދިވެހި މަންމަ އަކަށް އަދި ދިވެހި ބައްޕައަކަށް ލައްވާފައި ތިބި ބައެއްތޯ. އެއް ބަޔަކު މި ކުރަނީ ގައުމަށް ފައިދާ ހުރި ބޮޑެތި މަސައްކަތްތަކެއް. މި ބިމުގެ ހައްގުގައި އަދި ދިވެހިންގެ ހައްގުގައިވެސް މިއީ [ގައުމުގެ ތަރައްގީއަށް ހުރަސް އެޅޭފަދަ މަސައްކަތް] ކޮށްގެން ނުވާނެ ވަރުގެ ކަމެއް،" ރައީސް ޔާމިން ވިދާޅުވިއެވެ.

އެފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ރައީސް ޔާމީނަށް ނޫންކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް ގެއްލުންލިބޭ ފަދަ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫއަރާފަދަ ގޮތަކަށް ޑޮކިއުމެންޓްރީއެއް ހެދުމަށް އައީ ޖަރުމަނުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އެމީހުން ރާއްޖެ ގެނައުމުގެ ފަހަތުގައި ތިބި މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި އެމީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ޖަރުމަނުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އެއް ކަމަށްވާ އޭއާރްޑީ އިން ރާއްޖޭގައި އުފައްދަމުން ދިޔަ ޑޮކިއުމެންޓްރީ ފިލްމަށް އެމީހުން ދީފައިވާ ނަމުގެ މާނައަކީ"ޓެރަރިސްޓުންގެ ގޭގެ ގޮތުގައި ސުވަރުގެ" އެވެ.

އެ ނަމުގައި އެމީހުން ހަދަން އުޅުނު ޑޮކިއުމެންޓްރީއަކީ އެމީހުން ބުނެފައިވާ ގޮތުގައި އައި އެސް އިން ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާ ބެހޭ ގޮތުން ހަދަން އުޅުނު ދިރާސާއެކެވެ.