އަންނަ އަހަރު ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުގައި ފަށާފައިވާ ކެމްޕޭން، "ވިޒިޓް މޯލްޑިވްސް ފެސްޓިވަލް އިޔާ 2016" އިފްތިތާހު ކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ފެސްޓިވަލް އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އެވެ.

ތާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދާ އެ ފެސްޓިވަލް މިރޭ އިފްތިތާހު ކުުރި އިިރު ފެސްޓިވަލްގެ ޝޯތައް އަލިމަސް ކާނިވަލުގައި ކުރިއަށްދާނެ އެވެ. ޝޯތައް ކުރިއަށްދާނީ މިރެއާއި މާދަމާ ރޭގައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މާދަމާ ރޭގެ ޝޯގައި އިއުލާން ކުރާނެ އެވެ.

އެ ފެސްޓިވަލްގެ ދަށުން 31 ވަނަ ރޭގައި ޕާކިސްތާނުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އާތިފު އަސްލަމް ޝޯއެއް ދިނުމަށް ރާއްޖެ ގެނައުމަށް ވަނީ ނިންމާފައެވެ.

އާތިފް އަސްލަމްގެ އިތުރުން އިންޑިއާގެ މަޝްހޫރު ޑާންސް ގްރޫޕެއްގެ އިތުރުން ގިނަ ދިވެހި އާޓިސްޓުން އެ ޝޯގައި ބައިވެރިވާނެ އެވެ.

ޝޯ ހޯސްޓު ކޮށްދިނުމަށް ހިންދީ ޑްރާމާ ސިލްސިލާ "ކުމްކުމް"ގެ އެކްޓަރު ހުސެއިން ކުވާޖަރުވާލާ ވަނީ ގެނެސްފައެވެ. އެގޮތުން ހުސެއިން އާއެކު އެޝޯ ހޯސްޓު ކުރުމުގައި އުޅޭނީ އައިމިނަތު ނަމްޒާއެވެ.

ފުލުހުން މައުލޫމާތު ދީފައިވަނީ މިރެއާއި މާދަމާ ކުރިއަށްދާ އެ ޝޯތަކަށް ވަދެވޭނީ ގާތްގަނޑަކަށް 7،500 މީހުންނަށް ކަމަށެވެ. މިފަހަރުގެ ޝޯގައި ސެކިއުރިޓީ ވަރުގަދަ ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝޯ ބަލަން އަލިމަސްކާނިވަލުން ވަކި އަދަދަކަށް ޖާގަ ދޭން ހަމަޖައްސާފައިވާތީ، ޝައުގުވެރިވާ މީހުން ކުރިން އައިސް ކިޔޫގައި ޖެހުމަށް ފުލުހުން އެދެ އެވެ. ޝޯ ފެށުމުގެ ދޮޅު ގަޑިއެއްހާއިރު ކުރިން ކާނިވަލަށް މީހުން ވައްދަން ފަށާނެ ކަަމަށް ފުލުހުން ބުންޏެވެ.
ކާނިވަލަށް ވަނުމުގެ ފުރުސަތު ނުލިބޭ މީހުންނަަށް ފަސޭހަ އިން ޝޯ ބެލޭ ގޮތަށް، ބައިބަލާ ކުޅޭ ސަރަހައްދާއި އާޓިފިޝަލްބީޗުގައި ދެ ސްކްރީން ބަހައްޓަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް އިޔާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭރުދުނިޔޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ކެމްޕޭނެކެވެ.