04 Jan 2016, 12:06
މިދިޔަ އަހަރު ފެށިގެން އައީވެސް ދިވެހި ފުޓުބޯޅަ އަށް އައި ބަދަލުތަކަކާ އެކު އެވެ. މިދިޔަ އަހަރު ވެގެން ގޮސްފައި ވަނީ، ގައުމީ ފެންވަރުގައި އާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގޮތުން ވެސް ގިނަ މުބާރާތަތްކެއްގައި ދިވެހި ޓީމުތައް ބައިވެރިވި އަހަރަކަށެވެ.
އެގޮތުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބޫޓާން އަތުން މޮޅުވެ، ތިން ޕޮއިންޓާ އެކު ރާއްޖެ އޮތީ ގްރޫޕުގެ ތިންވަނައިގަ އެވެ. ގަތަރާ ހޮންކޮން އާ ވާދަކުރި އެއްވެސް މެޗަކުން ރާއްޖެއަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.
ރިޔޫނިއަންގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް، ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި ނަމަވެސް ސެމީއާ ހަމައަށް ނުގޮސް ރާއްޖެ ވަނީ މުބާރާތުން ކަޓާފަ އެވެ.
މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ފުޓުބޯޅަ ޓީމުވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށް ދިޔަ ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި އިންޑިއާއަތުން ބަލިވެ، ރާއްޖެ ވަނީ މުބާރާތުން ކަޓާފަ އެވެ. ޒުވާން ކުޅުންތެރިންނާއެކު އެކުލަވާލި ސްކޮޑުން ސާފް ސުޒުކީ ކަޕްގައި ޒުވާން ކުޅުންތެރިންގެ ފަރާތުން އުންމީދީ މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
މިއަހަރު ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް ނުވަތަ ޕީޕަލްސް ކަޕް އިން ފެށިގެން އައި އިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގައުމީ ކެޕްޓަން އަލީ އަޝްފާގް ގެ ކްލަބް، ޕީޑީއާރުއެމްއިންނެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ދިވެހި ލީގު، "އުރީދޫ ދިވެހި ޕްރިމިއަރ ލީގަ"ށް ރިބްރޭންޑްކޮށްފައި ވާއިރު، މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ވެސް އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓެވެ.
މިނިވަން 50 އާ ގުޅުވައިގެން ކުރިއަށް ގެންދިޔަ "އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓަރަންސް ފުޓްބޯލް ޓޯނަމަންޓް 2015" ކާމިޔާބު ކުރީ ސިންގަޕޫރުންނެވެ.
ނިމިގެން މިދާ އަހަރުން ދެން ފާހަގަ ކޮށްލެވޭ ކަންކަމަށް ބަލާއިރު، މިއަހަރު ތެރޭގައި ގައުމީ ޓީމުގެ ކޯޗު ކަމަށް ނިއު ރޭޑިއަންޓަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ހަމަޖެއްސުމަށް ފަހު، އޭނާގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމު ނެރުނު ނަތީޖާތަކާ މެދު އެފްއޭއެމުން ހިތްހަމަނުޖެހޭތީ އިސްތިއުފާ ދޭން އެންގުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އަދި މިހާރު ޓީމުގެ ހެޑް ކޯޗަކަށް ނިއުޒީލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް ވަނީ ހަމަޖައްސާފައެވެ.
މިނިވަން 50 ޗެމްޕިއަންޝިޕް
ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ޗެމްޕިއަން ޓީމަކަށް އެއްލައްކަ އަދި ރަނަރަޕް ޓީމަކަށް ފަންސާސް ހާސް ރުފިޔާ ކަނޑައަޅާފައިވާ ބޮޑު ފުޓްބޯޅަ މުބާރާތެއް ވަސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު އަހަރު ނިމޭ އިރު އެ މުބާރާތުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ޒޯން ތިނެއް ފިޔަވައި އެހެން ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމްތަށް ވެސް ވަނީ މިހާރު ކަނޑައެޅިފަ އެވެ.
ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމްތަށް
ޒޯން 1: ހދ. ނޮޅިވަރަމް
- ޒޯން 2: ށ. ފޯކައިދޫ
- ޒޯން 3: (ކުޅުން ކުރިއަށް ދަނީ)
- ޒޯން 4: އއ. ތޮއްޑޫ
- ޒޯން 5: ވ ކެޔޮދޫ
- ޒޯން 6: ލ. ގަން
- ޒޯން 7: ގދ. ފަރެސް މާތޮޑާ
- ޒޯން 8: ސ. ފޭދޫ
އެ މުބާރާތުގެ ފުރަތަމަ ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ގެ ކުޅުން ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އިރު އެނެއް ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ތިންވަނަ ޑިވިޝަންގެ ރަނަރަޕްގެ ކުޅުން ކުރިއަށް ދާނީ އައްޑޫ ސިޓީގަ އެވެ.
މިނިވަން 50 ޗެމަޕިއަންޝިޕުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.
އޭގެ އިތުރުން، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕަކީ އޭނާގެ ފަހު މުބާރާތް ކަމަށް ބުނެފައެވެ.
އެތުލެޓިކްސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމަށް ފަހު ސާއިދު މެޑލް ދައްކާލަނީ -- އެމްއޯސީ ފޮޓޯ ޙުސައިން ސިނާން
އެތުލެޓިކްސް ގެ އިތުރުން ރާއްޖޭގެ ކުޅިވަރުގައި ވެސް ހިނގި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑެލް ހޯދުމެވެ. އޭނާ ވަނީ ޗައިނާގެ ވޫހާންގައި މިއަހަރު ކުރީ ކޮޅުގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ދުވެ އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ.
މީގެ އިތުރުން ސާއިދު ވަނީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ވެސް ހޯދާފައެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމް ކްލަބް ލިބުނީ އައިމިނަތު ނަޒްރާ އަށްށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 10،000 މީޓަރު ދުވުމުން ޝަމްހާ އަހުމަދު ލޯ މެޑަލް ހޯދައި އެ އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑް ވަނީ ހަދާފައެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އޮތް ކޮލަމްބޯ މެރަތަންގައި ހިމެނޭ އަންހެނުންގެ 5ކިލޯމީޓަރު ދުވުމުން ޒުލައިހާ އިބްރާހިމް (ޒުލޭ) ވަނީ ތިން ވަނަ ހޯދައިފި އެވެ.
ރާއްޖެ އިން ބޭރުން ގިނަ ޓްރޮފީތަކެއް ހޯދި އިރު ސައުތު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސަކަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް އައްޔަންކޮށްފިއި ވަނީ ވެސް މި އަހަރުގެ ތެރޭގައެވެ.
ބާސްކެޓް
ބާސްކެޓް ބޯޅައިގައި ވޭތުވެ ދިޔަ އަހަރު ފާހަގަ ކޮށްލެވުނު ހަބަރުތަކުގެ ތެރޭގައި ދިހަވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފަހު މެޗުގައި ހަރިކޭން ބާސްކެޓް ބޯލް ކުލަބް ބަލިކޮށް ޓީރެކްސް ލީގު ޗެމްޕިއަންކަން ހޯދުން ފާހަގަ ކޮށްލެވެ އެވެ. އަދި 'އެމްބީއޭ ކަޕް' ގެ ނަމުގައި ތިން ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެލްޓީ ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ހަރިކޭން ބީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން (ކޭއެސްއާރު) އިންނެވެ.
ބައިނަލްއަގްވަމީ ގޮތުން ބަލާލާއިރު، އިންޑިއާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެންޕިއަންޝިޕުގައި ރާއްޖެ ބައިވެރިވިކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެ މުބާރާތުން ރާއްޖެއަށް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދޭގޮތް ނުވެފަ އެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ރާއްޖެ އިން މުބާރާތް ނިންމާލީ ފަސްވަނައިގައި އޮވެގެންނެވެ. ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.
އޭގެ އިތުރުން ކޮލަމްބޯގައި ކުރިއަށް ދިޔަ ސާބާ 3 އޮން 3 ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕުން ރާއްޖޭގެ ޓީމު އަލްވަދާއު ކިޔާފައި ވަނީ މުބާރާތުގެ ޕޫލް އޭގައި ރާއްޖޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެގެންނެވެ.
ބުރުގާ އަޅައިގެން ނުކުޅެވޭތީ މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި 16 އަހަރުން ދަށުގެ ވިމެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުން ރާއްޖެ ވަކިވާން ޖެހުނު ނަމަވެސް މި އަހަރު ވަނީ ބައިނަލް އަގުވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި ވާދަކުރާ ދިވެހި އަންހެން ބާސްކެޓް ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ކުޅެވޭ ގޮތަށް ހަމަޖެހިގެން ގޮސްފަ އެވެ.
ވޮލީ ބޯޅަ
މިއަހަރު ރާއްޖޭގެ ވޮލީ ބޯޅައިގައި ހިނގި އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތަކީ އޭވީސީ ކޮންޓިނެންޓަލް ބީޗް ވޮލީބޯލް މުބާރާތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވިގެން ދިއުމެވެ.
އެ މުބާރާތަކީ އަންނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އޭޝިއާ ބައްރުން ކޮލިފައިވާ ޓީމްތައް ހޮވުމަށް ބާއްވާ މުބާރާތްތަކުގެ ތެރެއިން މުބާރާތެކަށް ވީ އިރު އެ މުބާރާތުގައި ވާދަ ކޮށްފައިވަނީ ސާކް ގައުމުތަކުގެ އިތުރުން ތުރުކޮމެނިސްތާނެވެ.
އެ މުބާރާތުގައި ރާއްޖެ ވަނީ ސެމީ ފައިނަލް މެޗްގައި އިންޑިއާ އަތުން 1-2 ސެޓުން ބަލިވެ ކަޓާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި 3-2 ސެޓުން ރާއްޖެ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ތުރުކުމެނިސްތާން އިން ވަނީ މިއަހަރު ތެރޭގައި ހޯދާފައެވެ.
މި އަހަރު ރާއްޖޭގެ ވޮލީބޯޅައަށް ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.
ވީއޭއެމުން މިއަހަރު ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކަށް މިއަހަރު ބިދޭސީ ދެ ކުޅުންތެރިން ބައިވެރި ވެވޭގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ރާއްޖޭގެ ވޮލީ ޓީމްތަކުގައި ބައިވެރިވާ ބިދޭސީ ކުޅުންތެރިންގެ އަދަދު އިތުރު ކޮށްފައި ވާއިރު، ވީއޭއެމުން އެކަމަށް ކަނޑައަޅާފައިވާ ގަވާއިދަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އޭވީސީން ކަނޑައަޅާފައިވާ އޭޝިއާގެ ސެންޓްރަލް ޒޯންގެ ސަބް ޒޯނަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވުމެވެ.
އެ ބަދަލުތަކުގެ އިތުރުން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ގައުމީ ވޮލީބޯޅަ މުބާރާތަށް ކޮލިފައި ވާގޮތަށް ވެސް މިފަހަރު ވީއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.
ކެރަމް
ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންކަން ހުސެއިން ނީޝާމް ހޯދިއިރު، އަންހެން ޗެމްޕިއަންކަން ޖައްސަޖައްސައިގެން ހަތަރު ވަނަ ފަހަރަށް އައިޝަތު ފައިނާޒް ވަނީ މިއަހަރު ތެރޭގައި ހޯދާފައެވެ.
ބެޑްމިންޓަން
މިއަހަރު ބެޑްމިންޓަނުގައި ފާހަގަ ކޮށްލެވެނީ ރިޔޫނިއަންގައި ކުރިއަށްދިއަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ބެޑްމިންޓަން އިވެންޓުން ރާއްޖޭގެ ގައުމީ ފިރިހެން ޓީމު ރިހި މެޑަލް އަދި އަންހެން އިވެންޓުން، އަންހެން ޓީމު ލޯ މެޑަލް ހޯދި އިރު މުހައްމަދު އަޖުފާން ރަޝީދު ވަނީ ބެޑްމިންޓަންގެ ފިރިހެން ސިންގަލްސް އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފި އެވެ.
ރާއްޖޭގެ ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަން ޓީމު އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އަންހެން ޗެމްޕިއަންކަން އޮފު އެފްސީ ވަނީ ހޯދާފަ އެވެ. މީގެ އިތުރުން އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ޗެމްޕިއަންކަން ނ.ހޮޅުދޫ ބީޑީސީން ހޯދިއިރު، ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ސްޓެޓިކުން ވަނީ ހޯދާފައެވެ.