މާލެއިން ފުރައިގެން ރިސޯޓަކަށް ދިޔަ ދޯންޏަކާއި ތިލަފުށިން ފުރައިގެން މާލެ އަށް ދަތުރުކުރި ދެ ދޯންޏެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މާލެއާއި ވިލިމާލެއާ ދެމެދު އެ އެކްސިޑެންޓް ހިނގައިފައި ވަނީ މިއަދު ހެނދުނު 7:15 އެހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ އެއް ނަންބަރު ފާލަމުން ފުރައިގެން ރިސޯޓަކަށް ދިޔަ "ލޮޓަސް" ދޯނީގެ ކޮޅުމައްޔަލުން ތިލަފުށިން ފުރައިގެން މާލެއައި "ބްލޫ ފިޝް" ދޯނީގެ ގެގަނޑުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަން ވެސް ކަށަވަރުކޮށްދިނެވެ.

އަނިޔާވި ފިރިހެންމީހާ އަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް މިހާރު ގެންގޮސްފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމީހާގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައިވާ ކަމަށާއި އެހެންނަމަވެސް، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ދެގަޑިއިރެއްހާއިރު ތެރޭ އޭނާ ދޫކޮށްލާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.