މާލެ-ހުޅުލޭ ބްރިޖަކީ ރާއްޖޭގެ އިގްތިޞާދު ބަދަލުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ މައި ތަނބުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ އިގްތިޞާދު ޓްރާންސްފޯމް ކުރަން ކުރާ މަސައްކަތްތަކެއް. ބްރިޖުގެ ތެރެއިން ވިޔަސް. އެއާޕޯޓެއްގެ ތެރެއިން ވިޔަސް. ޓޫރިސްޓުން އިތުރަށް ގެންނަން ކުރާ މަސައްކަތް ވިޔަސް އެސްއީޒީގެ ތެރެއިން ވިޔަސް އަދި ދިގު މުއްދަތަށް ބިން ދޫކުރެވޭ ގޮތައް ވިޔަސް މިއިން ކޮންމެ މަސައްކަތަކީ އިގްތިޞާދު ޓްރާންސްފޯމު ކުރުމަށް ކުރާ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތް އެއްކޮށް ނިމި ދެތިން އަހަރެއް ފަހުން މުޅި ރާއްޖޭގެ މަލަމަތި ބަދަލުވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބްރިޖުގެ މަސައްކަތް އެއްކޮށް ނިމި ދެތިން އަހަރެއް ފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެކެން ބޭނުންވާ ފަދަ އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނާނެ. އެއާއެކު ގައުމުގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނެ ގޮތް ހިޔާލަށްވެސް ގެންނަން މިވަގުތަކު ނޭނގޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބްރިޖުގެ މަސައްކަތް ރަމްޒުކޮށްދެނީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ.

ބުރިޖުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ބަދަލުތަކެއް އަންނާނެ ކަމަށާއި ގައުމުގެ އިޖުތިމާއީ ފޭރާމަށް ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ބްރިޖުގެ ސަބަބުން ދިވެހިންގެ ހިތްހަމަ ޖެހުމަށް އަދި ހާއްސަކޮށް ޒުވާނުންގެ ހަމަޖެހުމަށް އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް އަދި ދިވެހި ރާއްޖޭގެ އިޖުތިމާއީ ގުޅުންތަކަށް ހެޔޮ ބަދަލެއް އަންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.