30 Dec 2015, 22:53
ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ވެސް ކުރައްމުންގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި އެވެ.
ހުޅުލެ އާއި މާލެއާ ދެމެދު ބުރިޖު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ފައިދާ ދެގައުމަށް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ދެގައުމުގެ ދޭތެރޭ އޮތް ގުޅުމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާ ފަތުރުވެރިންގެ ހިއްސާ އެކަމަނާ ފާހަގަކުރެއްވި އެވެ.
"މިއަދު، އަހަރެއްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތިން ގުނަ ހިއްސާކުރަނީ ޗައިނާގެ ފަތުރުވެރިން. އަދި އެއީ އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ މާކެޓް،" ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.
މާލެއާއި ހުޅުލެއާ ދޭތެރޭ އަޅާ ބުރިޖަށް އިޝާރާތްކުރައްވައި ދުންޔާ ވިދާޅުވީ، އެ ބުރިޖަކީ ރާއްޖޭގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓު ނިމުމުން އެ ބުރިޖު ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފެނިގެންދާނެ ވަރުގަދަ ރަމްޒެއް ކަމުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ނަމުން ނަން ދީފައިވާ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާ އެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 200 މިލިއަން ޑޮލަރަށް ކަމަށް ވާއިރު، އޭގެ ބޮޑު ބައެއް ޗައިނާ ސަރުކާރުން ވަނީ ހިލޭ ދޭން ނިންމައިފަ އެވެ. އެހެންވެ ދައުލަތުން އެކަމަށް ހޭދަކުރަންޖެހެނީ ކުރިން ލަފާކުރި މިންވަރަށް ވުރެ ކުޑަ މިންވަރެކެވެ.
ދުންޔާ ވިދާޅުވީ ޗައިނާގެ ރައީސް ޒީ ޖިންގ ޕިންގުގެ އުއްމީދީ ސިޔާސަތުތަކަށް ރައީސް ޔާމީން ތާއީދު ކުރައްވާ ކަމަށެވެ.
އެގޮތުން ޗައިނާގެ ރައީސްގެ އިސްނެގުމަކަށް ފައްޓަވާފައިވާ އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓުގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ގައުމަކީ ރާއްޖެކަން ފަޚުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވި އެވެ.
ޗައިނާގެ ސަރުކާރުން އުފައްދާފައިވާ އޭޝިއަން އިންފްރާންސްޓްރަކްޗަރު އިންވެސްޓްމަންޓް ބޭންކުގެ ފައުންޑިން މެމްބަރެއް ގޮތުގައި ރާއްޖެ އޮތުމަކީ ވެސް އެކަމުގެ ހެއްކެއް ކަމަށާއި އެ އެއްބަސްވުންތަކަކީ ދެ ގައުމަށް ވެސް ފައިދާ ކުރުވަނިވި ކަންތައްތަކެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.