30 Dec 2015, 23:34
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދުވުންތެރިޔާ އަހުމަދު އާތިފު މާލެ ވަށައި 24 ގަޑި އިރު ވަންދެން ދުވަން ފަށައިފިއެވެ.
ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން "އަލްޓްރާ ރަން" ގެ ނަމުގައި ބާއްވާ އެ އިވެންޓުގައި އާތިފު ދުވަން ފަށާފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުން މިރޭ 11:20 ގައެވެ. އޭނާގެ ދުވުން ނިންމުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 12:00 ގައި ހަމަ އެސަރަހައްދަށެވެ.
"އަލްޓުރާ ރަން" އާ ގުޅޭ ގޮތުން ސަން އާ ވާހަކަ ދައްކަމުން ކޯޗު ނަސީރު އިސްމާއިލް ބުނީ، 24 ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އާތިފު ދުވި ނަމަވެސް ނަމާދު ކުރުމަށާއި ފާހަނާ ކުރުމަށް ދުވުން މެދު ކަނޑާނެ ކަމަށެވެ.
"ނަމާދު ކުރަން މަޑު ކުރާނެ ބަންގި ގޮވީމަ. ދެން ފާހާނާ ކުރުމަށްވެސް މަޑު ކުރާނެ. އެކަމަށް އަޅުގަނޑުމެން އިންނާނެ އިތުރު ގަޑިއިރެއް ލާފަ. ކެއުމާއި ފެން ބުއިމާއި ވެސް ކުރިއަށް ދާނީ ދުވުމުގެ ތެރެއިން،" ނަސީރު ބުންޏެވެ.
އެހެންކަމުން އާތިފު މުޅި ޖުމްލަ 25 ގަޑި އިރުވަންދެން މާލެ ވަށައި ދުވާނެއެވެ.
ނަސީރު ބުނީ "އަލްޓްރާ ރަން" އިވެންޓު ކުރިއަށް ދާ ވަގުތު ފަންޑު ރެއިޒް ކުރުމުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓެންޓުގައި އިންނާނެ ފޮށްޓެއް. ދެން އުރީދޫ މެދުވެރިކޮށް އެސްއެމްއެސް ކޮށްގެންވެސް ފައިސާ ހަދިޔާ ކުރެވޭނެ،"ނަސީރު ބުންޏެވެ.
އަދި ފަންޑު ރެއިޒް ކޮށްގެން ލިބޭ ފައިސާ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ނަސީރު ބުންޏެވެ.
އައްޑޫ ސިޓީގެ ހިތަދޫ އަށް އުފަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފު އަކީ ފުލުހުންގެ އައިޓީ އަދި މުއާސަލާތާ ބެހޭ ބައިގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
އޭނާ ވަނީ އިންފޮމޭޝަން ސެކިއުރިޓީސްގެ ދާއިރާ އިން މާސްޓާސް އެއް ހާސިލު ކޮށްފައެވެ.
އާތިފު އަކީ ރާއްޖޭގެ ތާރީހުގައިވެސް 24 ގަޑި އިރު ވަންދެން ދުވަން ނިންމި ފުރަތަމަ ޒުވާނާއެވެ.