30 Dec 2015, 21:38
މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފިއިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް" އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ބުރިޖުގެ މަސައްކަތް ކުރާ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ގޮންގް އެވެ.
އެ ރަސްމިއްޔާތުގައި ބްރިޖުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު ގައޮ ޔަން އެވެ.
މާލެ-ހުޅުމާލެ ބުރިޖްގެ ދިގުމިނަކީ 1.39 ކިލޯ މީޓަރެވެ. ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައި ދާ މީހުންނަށް ވަކި ލޭނެއް އެ ބުރިޖުގައި އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ކަނޑުގެ މަގުން ދެ ރަށެއް ގުޅުވުމަށް ރާއްޖޭގައި އަޅާ އެވަރުގެ ބޮޑު ބުރިޖަކީ 100 އަހަރުގެ އުމުރެއް ހުންނާނެ ބުރިޖެއް ކަމަށް ސީސީސީސީ އިން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނެފައިވަނީ ބުރިޖުގެ މަސައްކަތް ނިމުމާއެކު މާލޭގެ ޓްރެފިކްގެ މައްސަލައަށް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށާއި އިގްތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމަށެވެ.
އެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދާނި "ފަސްޓް ކްލާސް" ހައިވޭ ސްޓެންޑާޑް އަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބުރިޖް މަސައްކަތް ފެށުމުގެ އެއްބަސްވުމުގެ ކުރިން އެ ބްރިޖްގެ އިމްޕްލިމެންޓޭޝަނާ ގުޅޭގޮތުން ވަނީ ދެ ގައުމުގެ މެދުގައި އެއްބަސްވުން ބަދަލުކޮށްފަ އެވެ.
އެ އިމްޕްލިމެންޝަން އެއްބަސްވުމުގެ ބޭނުމަކީ ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ދެ ގައުމުން އަމަލު ކުރާނެ ގޮތް ހާމަކުރުމެވެ.