30 Dec 2015, 20:59
އުރީދޫ މޯލްޑިވްސްއަކީ ރަނާސް މޯލްޑިވްސްއިން ކުރިއަށްގެންދާ އެމްވީ 50 އަލްޓްރާ ރަންގެ ޓެލެކޮމް ޕާޓްނަރކަން އިއުލާންކޮށްފިއެވެ.
އެމްވީ 50 އަލްޓްރާ ރަން އަކީ މިނިވަން 50 އާއި ގުޅިގެން ރަނާސް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ.
އާއްމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި ދުވުން ފުރިހަމަކުރުމަށް 50 ކިލޯމީޓަރަށް ދުވަންޖެހެއެވެ. އެކި ގަޑިތަކަށް ބަހާލައިގެން ރެސްޓް ކުރުމާއެކީ، ނުވަތަ 5 މެމްބަރުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެގެންވެސް 50 ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރެވިދާނެއެވެ. 29 ޑިސެމްބަރު 2015 ދުވަހުގެ 22:00 އިން ފެށިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ 12:00 އަށް ބާއްވާ އެ ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނުމަގު މާފަންނު ޓްރެކް ސަރަޙައްދުން ފެށިގެން މާލެ ވަށައިގެން ކަނޑައެޅިފައިވާ ރޫޓަކުންނެވެ.
"މިއަދުގެ ޒުވާނުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ކެނޑިނޭޅި މަސައްކަތްކުރާ، އަދި އެކަމުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާ އަބަދުވެސް ކުރިމަތިލާންކެރޭ ހިތްވަރުގަދަ ބައެއް. އެހެންކަމުން ރަނާސް މޯލްޑިވްސްގެ އެމްވީ 50 އަލްޓްރާ ރަން ފަދަ އިވެންޓެއްގައި ރަނާސް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އެމްވީ 50 އަލްޓްރާ ރަން ގެ ޚާއްޞަ ހަރަކާތެއްގެ ގޮތުން ރަނާސް މޯލްޑިވްސްގެ އެހީއާއެކު މިއިވެންޓްގެ ބައިވެރިއެއްކަމަށްވާ އަޙުމަދު އާތިފް މާލެވަށާ 24 ގަޑިއިރު ދުވުމަށް ވަނީ ނިންމާފައެވެ. އޭނާ ހުއްޓުމެއްނެތި ދުވާއިރު ބްރޭކް ނަގާނީ ހަމައެކަނި ނަމާދުކުރުންފަދަ ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ. އަޙުމަދު އާތިފް މާލެވަށާ 24 ގަޑިއިރުދުވަން ފެށުމުން އެސްއެމްއެސް މެދުވެރިކޮށް ފައިސާ އެއްކުރުމުގެ ޙަރަކާތެއްވެސް އުރީދޫއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ފައިސާ ހަދިޔާ ކުރެއްވުމަށް 20، 50، 100 ނުވަތަ 500 ޖެއްސެވުމަށްފަހު 501 އަށް އެސްއެމްއެސް ކުރެއްވުމުން އެ އެސްއެމްއެސްގައިވާ އަދަދަށް ފައިސާ ހަދިޔާ ކުރެއްވޭނެއެވެ. މިފަންޑުން އެއްކުރެވޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ.
"އަޅުގަނޑު 24 ގަޑިއިރު ދުވުމަށް މި ކުރިމަތިލަނީ، އަޅުގަނޑުގެ ހަށިގަނޑުގައި އެކަން ކުރުމުގެ ޤާބިލްކަން ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭހިނދު، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ޙަރަކާތްތެރިވުމަށް ޖިސްމާނީ އަދި ނަފްސާނީގޮތުން ނުކުޅެދިފައިވާ، އަޅުގަނޑުމެންގެ މުޖުތަމަޢުން އެކަހެރި ކުރެވިފައިވާ ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންނަށް އެހީ ހޯދުމަށާއި އެކަމަށް އަޑު އުފުލުމަށް. އާ އަހަރަށް އާ ޢަޒުމަކާއިއެކު ކުރިމަތިލާއިރު ހުރިހާ ބޭފުޅުންވެސް މިކަމާމެދު ފުންކޮށް ވިސްނާވަޑައިގެން އެބޭފުޅަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދެން،" އެމްވީ 50 އަލްޓްރާ ރަން ގެ ޚާއްޞަ ޙަރަކާތެއްގެ ގޮތުން 24 ގަޑިއިރު މާލެވަށާ ދުވުމުގެ ޢަޒުމް ކަނޑައަޅައިގެންހުރި ދުވުންތެރިޔާ އަޙުމަދު އާތިފް ބުންޏެވެ.
އަޙުމަދު އާތިފްގެ 24 ގަޑިއިރުގެ ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 11:00ގައެވެ.