ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ އަބުދުﷲ ޔާމީނާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ، ޑީއާރުޕީގެ އިސް ބޭފުޅުންތަކެއް ބާރު އަޅުއްވައިގެން ކަމަށް އެ މައްސަލަ ހުށަހެޅުއްވި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މުސްތަފާ ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ އަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ބާރު އެޅުއްވި ބޭފުޅުން ޖަލްސާ އަށް ވަޑައި ނުގެންނެވުމަކީ އެ ބޭފުޅުންގެ "ދެފުށްކެހެރިކަން" ދައްކައިދޭ ރީތި މިސާލެއް ކަމަށެވެ.

"އަޅުގަނޑު މި މައްސަލަ މިތަނަށް ވެއްދުމަށް ޑީއާރުޕީގެ އިސްފަރާތްތަކެއް ބާރު އަޅުއްވައި މައްސަލަ ވެއްދީމާ އެބޭފުޅުން މިތަނަށް ވަޑައި ނުގެންނެވުމަކީ ދެފުށްކެހެރިކަން އަންގައިދޭ ރަނގަޅު ރީތި މިސާލެއް،" މުސްތަފާ ވިދާޅުވި އެވެ.
ޔާމީނާ ދެކޮޅަށް މުސްތަފާ، އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ޑީއާރުޕީގެ މައުމޫނު ފެކްޝަނުން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިސް ހައިވާނު ބަގީޗާއަކަށް ހެދީ އެމްޑީޕީގެ މެންބަރުންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާތީ އެވެ.

މުސްތަފާ އެ މައްސަލަ ހުށަހެޅުއްވުމުން މައްސަލައާ މެދު ބަހުސްކުރަން ފެންނަކަމަށް ފާސްކުރީ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި، ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން ފެންނަކަމަށާއި ނުފެންނަ ކަމަށް ވޯޓު ދެއްވީ ވެސް 21 މެންބަރުންނެވެ. މައްސަލައަށް ބަހުސް ކުރުމަށް 22 ވޯޓު ބޭނުންވާތީ، ނާޒިމް ވޯޓު ދެއްވައިގެން މައްސަލައަށް ބަހުސް ކުރަން ފާސްކުރެއްވީ އެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވާފައި ވަނީ ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި އަމިއްލަ މެންބަރުންގެ ތެރެއިން ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބެވެ.

އެ މައްސަލައިގެ ބަހުސްގެ ވަގުތުގައި ތަސްމީން ވަޑައިގެންނެތުމުން ތަސްމީނަށް ދޭންޖެހޭ ފުރުސަތު ދެއްވުމަށް އެދި، އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ރިޔާސަތުގައި ދެންނެވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް ނެތް ވަގުތެއްގައި ނާއިބު ރައީސް އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވާއިރު ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީއަކަށް ލިބެންޖެހޭ ފުރުސަތު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. އަދި ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސްކަމުން އޭނާ އަށް ލިބެންވާ ފުރުސަތު ޕާޓީގެ އެހެން މެންބަރަކަށް ދެއްވުމަށް އެ ޕާޓީގެ މެންބަރުން ވެސް ރިޔާސަތުގައި އެދިވަޑައިގަތެވެ. ނަމަވެސް އެކަމަށް ފުރުސަތު ދޭންޖެހޭނީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާތީ އިތުރު މެންބަރަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް، ރިޔާސަތުން ނާޒިމު ވިދާޅުވި އެވެ.

މެންބަރުންކުރެއްވި ބަހުސްގައި މައްސަލައާ ބެހޭ ގޮތުން އެއްވެސް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައި ނުވާތީ، ބަހުސް ނިމުނު އިރު މަޖިލީހުން އެއްވެސްކަމެއް ފާސްކޮށްފައެއް ނުވެ އެވެ.