30 Dec 2015, 18:59
ޓްރިވެންޑްރަމް، އިންޑިއާ (30 ޑިސެމްބަރު) -ރާއްޖޭގައި ހުނަރުވެރި ކުޅުންތެރީން ގިނައިރު އެ ކުޅުންތެރިންނަކީ އެއްކޮށް ކުޅެފައިވާ ކުޅުންތެރިން ކަމަށް ވުމުން އެޓީމުން އިންޑިއާއާ ދެކޮޅަށް ރަނގަޅު ފައިޓޭއް ދޭނެ ކަމަށް އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުންނެފިއެވެ.
މާދަމާގެ ސެމީފައިނަލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޮންސްޓެޓެއިން ބުނީ، ރާއްޖެއަކީ ކައުންޓާ އެޓޭކް ދީގެން ކުޅޭ ޓީމަކަށްވުރެ ބޮޑަށް، ރަނގަޅަށް ކުޅެންގެން ހަމަލާ އުފައްދާ ޓީމެއް ކަމަށެވެ.
މާދަމާ މެޗްގައި އަނިޔާގެ ސަބަބުން ރޮބިން ސިންހަށް ނުކުޅެވޭއިރު އެކަމާ ބެހޭގޮތުން ކޮންސްޓެޓެއިން ބުނީ، ރޮބިންސިންހަކީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް އޭނާ ނެތްތަން ފޫބެއްދޭނެ ކުޅުންތެރީން އެބަތިބި ކަމަށެވެ.
ކޮންސްޓެޓެއިން ބުނީ، އިންޑިއާގައި ކުޅުނަސް އެޓީމަށް ޕްރެޝަރު އޮންނާނެ ކަމަށާއި އެއްވެސް އިންޓަނޭޝަނަލް މެޗެއްގައި ޕްރެޝަރު ނެތި ނުދާނެ ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު ދެ މެޗަށްވުރެ ސެމީގައި ޕްރެޝަރު ބޮޑުވާނެ ކަމަށް ކޮންސްޓެޓެއިން ބުންޏެވެ.
އޭނާ ބުނީ، ދަނޑަށް ނާންނަ މީހުންނަކީ ކޮބައިތޯ ބަލަން އޭނާ ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުންވަނީ ސެމީ ކާމިޔާބުކޮށްގެން ފައިނަލަށް ދިއުން ކަމަށެވެ.
ކޮންސްޓެޓެއިން ވަނީ އިންޑިއަން ސުޕަލީގުން އިންޑިއާގެ ފުޓްބޯޅައަށް ފައިދާ ނުކުރާކަމަށް އޭނާ ކުރިން ދައްކާފައިވާ ވާހަކަތައް ތަކުރާރުކޮށްފައެވެ.