30 Dec 2015, 18:09
ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބަލަން ޑިޕާޓަމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވީ މިއަދު ފެށި އެ އޮޕަރޭޝަންގައި ބިދޭސީ ސޭޓުން ތިބި ފަސް ފިހާރައެއް އެއްގަޑިއިރު ތެރޭގައި ފެނިފައިވާ ކަމަށެވެ.
އެ ފަސް ފިހާރަވެސް މިހާރު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސޭޓުންގެ ގޮތުގައި ތިބި އެ ބިދޭސީންނާ މެދު ފިޔަވަޅު އަޅާފައިނުވާނެ ކަމަށާއި ނަމަވެސް އެކަން ތަކުރާރުކޮށްފިނަމަ އެބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
ގަވާއިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ބިދޭސީން ސޭޓުންގެގޮތުގައި ގެންގުޅުން މަނާކޮށް ގަވާއިދު ނެރެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.
ސޭޓުންގެ ގޮތުގައި އުޅުނު 57 ބިދޭސީއަކު މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.