ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ "ރެސްޕެކްޓު ކެމްޕެއިން"ގައި ސްޓެލްކޯ އިން ބައިވެރިވެއްޖެއެވެ.

ސްޓެލްކޯ އިން "ރެސްޕެކްޓު ކެމްޕެއިން"ގައި ބައިވެރިވުން ފައްޓަވައިދެއްވީ މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވާރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

ސްޓެލްކޯގައި "ރެސްޕެކްޓު ކެމްޕެއިން" އިފްތިތާހު ކުރުމަަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ރެސްޕެކްޓު ކެމްޕެއިން ސްޓެލްކޯގައި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ދިވެހިންނަކީ އެކަކު އަނެކަކަށް އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް އިހުތިރާމް ކުރި ބައެއްކަން ދިވެހި ތާރީހުންވެސް ހާމަވާ ކަމަށެވެ.

"އެ އާދަކާދަ އެހެން އޮތީމައި މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިހާތަނަށް މި އައި އިރުގައި އަޅުގަނޑުމެންގެ މި ކުރިއެރުން ރަނަގަޅުވެގެން ނުވަތަ މިހާ ބާރަށް ކުރިއަރައިގެން ދިޔައީ"، މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިހުތިރާމް ކުރުމުގެ ރީތި އާދަ އަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ކަށީގައި ހިފާފައިވާ އާދައެއް ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެ އާދަ ހީނަރުވެފައިވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރަން އުޅޭ އެއްވެސް ކަމެއް އޭގެ އެންމެ ފައިދާ ހުރި ގޮތިގައި ނުވަތަ ރަނގަޅު ގޮތުގައި ނުކުރެވި އޮންނަނީ"، މިނިސްޓަރރު ތޯރިގު ވިދާޅުވިއެވެ.

ސްޓެލްކޯގައި "ރެސްޕެކްޓު ކެމްޕެއިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު އިބުރާހިމް ހަލީލު ވިދާޅުވީ، ރެސްޕެކްޓު ކެމްޕެއިންގެ މަގުސަދަކީ އިހުތިރާމު ކުރުމުގެ ސަގާފަތް ދިވެހިރާއްޖެ ކަންކޮޅުތަކުގައި އަށަގެންނެވުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މުޅި ރާއްޖޭގައި މި ވާހަކަ ދެއްކުން، ކޮންމެ ދުވަހަކުވެސް، ކޮންމެ ތާކުވެސް މިވާހަކަ ދެއްކުން، މި މަންޒަރު ފެނުން، ހިނިތުންވުމާއެކު ކޮންމެ ހިދުމަތެއްވެސް ދިނުމުގެ އާދަ އަށަގެންނެވުން، އަދި އިހުތިރާމް ދޭން ނޭނގޭ މީހާއަށްވެސް އިހުތިރާމް އޭނައަށް ނުލިބުނީމަ ވާ އިހުސާސް އޭނަ އަށް އިހުސާސް ވާފަދަ، ތަމްރީނު ޕުރޮގްރާމް ހިންގުން"، ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، އެކިއެކި ކުންފުނިތަކާއި މިނިސްޓްރީތަކުން އެ ކެމްޕެއިން އެންޑޯޒް ކޮށް ނިމުމުން، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ސްޓިއަރިންގް ކޮމިޓީއެއްވެސް އުފައްދަން ނިންމާފައިވާ ކަމަށެވެ.

"އެ ކޮމިޓީ އިން ދުރު މުސްތަގުބަލަށް މިކަމަށް ކުރާނެ ކަންތައްތައް ރާވައި މީޑިއާ ތެރެއިންނާއި އަދި އެހެނިހެން ގޮތް ގޮތުން ހިންގާނެ ޕުލޭނެއް ރާވާނެ"، ހަލީލު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ، ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ހިނިތުން ވުމާއި އިހުތިރާމު ކުރުމުގެ ރީތި އާދަ ފެނިގެންދާނެ ކަމަށެވެ.

ސްޓެލްކޯގައި "ރެސްޕެކްޓު ކެމްޕެއިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

"އަޅުގަނޑު އެދެނީ މިއަދުން ފެށިގެން އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންވެސް ހިނިތުންވުމާއެކު އިހުތިރާމާއެކީގައި އެ ފޯރުކޮށްދޭ ހިދުމަތެއް ފޯރުކޮށްދެމުން ގެންދިއުން،" ޝުކޫރު ވިދާޅުވިއެވެ.

އަދި އެކަމުގައި ލިބެމުންދާ ނަތީޖާތައް ދުވަހުން ދުވަހަށް ދިރާސާކޮށް އެއަށް ވުރެ ކުރިއަށް ގެންދިއުމަށް ކުރަންވީ ކޮން ކަންތައްތަކެއްތޯ ބަލަމުން ގެންދާނެ ކަމަށްވެސް ޝުކޫރު ވިދާޅުވިއެވެ.