30 Dec 2015, 19:11
ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) އިން ގޮވާލައިފި އެވެ.
އެޗުއާރުސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގެވެށި އަނިޔާގެ ގާނޫނު ތަންފީޒު ކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ.
އައިޖީއެމްއެޗްގެ ޖިންސީ އަނިޔާއަށް އައިޖީއެމްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމް ފަދައިން އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. އަދި މުޖުތަމައުގެ ތެރެއިން ފެންނަ އެފަދަ އަނިޔާގެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އެޗުއާރުސީއެމް އިން ވަނީ ބުނެފައެވެ.
ޒިޔާދާ ނިޔާވުމާ ގުޅޭގޮތުން އެޗުއާރުސީއެމް އިން ބުނެފައިވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ވީހާވެސް އަވަހަށް އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އެ މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވެން ޖެހޭނެ ކަމަށާއި އޭގެ ފަހަތުގައި ބައެއްގެ އިހުމާލުވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ޒިޔާދާގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.