ވިލިމާލޭގައި ހިނގި މާރާމާރީގައި ޒަޚަމްކޮށްލި ނ. މާޅެންދޫ އަހުމަދު މިރުޒާ ހޭނާރާ އޮންނަތާ އެއްދުވަސް ފަހުން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފައިވާ އިރު އައިޖީއެމްއެޗުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް މިކަން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެޒުވާނާ މަރުވިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް ޑޮކިއުމަންޓް އަދި ނުލިބޭ ކަމަށެވެ.

ނަމަވެސް އައިޖޭއެމްއެޗުގެ މީޑީއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އޭނާ އޮތީ ކޯމާއެއްގައި ކަމަށާއި "ޑޮކްޓަރުން ވިދާޅުވަނީ އޭނާގެ ބްރެއިން ޑެޑް"ވެފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ހަވީރު ދިން ހަމަލައާ ގުޅިގެން، އުމުރުން 25 އަހަރުގެ މިރުޒާ ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށީ އިއްޔެ ރޭ އިރާ ކޮޅު އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިރުޒާ ހާލު ސީރިއަސް ކަމުން އޭނާ އަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރު ވެސް އެ ޒުވަނާ ހޭ ނާރާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުންގެ ބުނީ ވިލިމާލޭގައި މާރާމާރީ ހިންގައި ޒުވާނަކަށް ހަމަލަ ދިނީ ހޯމަ ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. އަދި ބުނީ އެއީ ގުރޫޕް މާރާމާރީއެއް ކަމަށާއި ޒުވާނާއަށް ހަމަލަ ދީފައި ވަނީ ދަގަނޑު ބުރިއެއް ކަހަލަ އެއްޗަކުން ކަމަށެވެ.

އެ ހަމަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.