30 Dec 2015, 16:28
އިރާގު ސިފައިން އައިއެސް ޖަމާއަތާ ދެކޮޅަށް ކުރި އަދަޔާ ޚިލާފު ހިއްވަރާއެކު ރަމާދީ ސިޓީން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެރަށް އަލުން އިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވުމަކީ ނާކާމިޔާބީގެ ހިތި ރަހަ އައިއެސްގެ ކަރުބުޑުގައި ލައި ކާމިޔާބީގެ ފޮނިމީރުކަން އިރާގު ސިފައިންނަށް އިހްސާސް ކުރެވިގެން ދިޔަކަމެއްކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ.
އިރާގުގެ ސިޔާސީ މުހައްލިލެއްކަމަށްވާ އަލީ އަލްއައްލާގް ވިދާޅުވީ ރަމާދީގައި މިހާ ފަސޭހައިން އައިއެސް ޖަމާއަތް ބަލިވެގެން ދިޔުމަކީ އެއީ ބަލިނުކުރެވޭނެ ޖަމާއަތެއްކަމާއި އެއީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެންވާ ޖަމާއަތެއްކަމަށް ކަމުގެ ހަގީގަތް ނޭނގޭ މީހުންނަށް ކުރެވުނު ހީތަކަށް ނިމުން އަންނާނެ ކަމެކެވެ. އިރާގު ސިފައިންވަނީ ހައެއްކަ ދުވަހުގެ ތެރޭގައި އިރާގުގެ ބޮޑުސިޓީއެއް ކަމަށްވާ ރަމާދީން އައިއެސްގެ ހަނގުރާމަވެރިންގެ އެތަށް ބަޔަކު މަރާލައި އަނެއްބައިމީހުން ފައްސާލުމަށްފަހު އެސިޓީ މިނިވަންކޮށްފައެވެ. ރަމާދީ މިނިވަންކުރެވުމާއެކު އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ އެސިޓީއަށް ވަޑައިގެން އެސިޓީގެ މަގުތަކުގައި ހިންގަވައި އެސީޓީގައި އިރާގުގެ ދިދަ ނަންގަވައި އައިއެސްގެ ހަރުކަށިކަމަށް ގޮންޖައްސަވާފައެވެ. އަބާދީ ރަމާދީއަށް ވަޑައިގެންނެވި ހެލިކޮޕްޓަރު ވައްޓާލުމަށް އައިއެސް އިން މަސައްކަތް ކުރިކަމަށްވެއެވެ. ނަމަވެސް މިކަންވެސް އައިއެސްއަށްވަނީ ނާކާމިޔާބުވެފައެވެ.
އަރަބި އެހެން ބައެއް މުޙައްލިލުން ވިދާޅުވާގޮތުގައި އައިއެސް އިރާގާއި ސޫރިޔާގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ފެތުރި އެޖަމާއަތުގެ އަތްދަށުގައިވާ ބިންތައް ބޮޑުވެ ފުޅާވެގެންދިޔައީ ސިޔާސީ ވާދަވެރިކަމުގެ ތެރޭން ބައެއް ފަރާތްތަކުން އައިއެސް އަށް އެފުރްސަތު ދިނުމުންނެވެ. މިސާލަކަށް އައިއެސްގެ ބާރު ސޫރިޔާގެ ބޮޑު ބަޔަކަށް ފެތުރިގެން ދިޔައީ ބައްޝާރުގެ ސަރުކާރަކީ އައިއެސްއާ އިދިކޮޅު ސަރުކާރެއް ނަމަވެސް އައިއެސްއަށް ކާމިޔާބު ލިބޭގޮތަށް ބައްޝާރުގެ ސަރުކާރުން ސޫރިޔާގެ ހަނގުރާމާއިގެ މައިދާނުތައް ހުޅުވާލައި ސޫރިޔާގެ ސިފައިން ސިޔާސީ ބޭނުމެއްގައި އައިއެސްއަށް ފުރްސަތު ދީގެންނެވެ. މިކަމުގެ ބޭނުމަކީ ސޫރިޔާގައި އޮތީ ޓެރަރިޒަމްގެ ބިރުކަމާއި ބައްޝާރުގެ ސަރުކާރަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އައިއެސްގެ ނުރައްކާކަން ދެއްކުމެވެ.
އަދި ބައްޝާރުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ މެދުމިނުގެ ޖަމާއަތްތަކާ ދެކޮޅަށްވެސް ހަނގުރާމަކުރާ ޖަމާއަތަކަށް އައިއެސް ވުމަކީވެސް އައިއެސް އަށް ބައްޝާރުގެ ސަރުކާރުން ފުރްސަތު ދިންކަމެއްކަމަށް އަރަބި މުހައްލިލުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ބައްޝާރާ އިދިކޮޅު އެހެން ޖަމާއަތްތައް ބަލިކަށިވެގެން ދިޔައެވެ. އަދި މިއާއެކު ބައްޝާރުގެ ވެރިކަމުގެ ނިޒާމު ވަރުގަދަވެގެން ދިޔައެވެ.
އަނެއްކޮޅުން މިދިޔައަހަރު ޢިރާޤު ސިފައިން އިރާގުގެ ޞަލާޙުއްދީން ގަވަނޭޓް އައިއެސްއައިއެސްގެ އަތްމައްޗަށް ދޫކޮށްލާފައި އިރާގު ސިފައިން ކުއްލި ގޮތަކަށް ފިލައިގެން ދިޔައީވެސް ހައިރާންކުރުވަނިވި ގޮތަކަށެވެ. މިއީވެސް ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއްކަން ފަހުންވަނީ ހާމަވެފައެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ހީވީ މިއީވެސް އައިއެސްގެ ބާރު ގަދަވުމުގެ ސަބަބުން ވީކަމެއްކަމަށެވެ. ނަމަވެސް ހަގީގަތުގައި އައިއެސް އަށް މިދިޔަ އަހަރު އިރާގުގެ ސަލާހުއްދީން ގަވަނޭޓަށް އަތްގަދަ ކުރުމުގެ ފުރްސަތު ލިބުނީ ހަނގުރާމައަކާ ނުލައެވެ. އައިއެސްއަށް ހަނގުރާމައިގެ މައިދާން ކުއްލި ގޮތަކަށް ދޫކޮށްލާފައި އިރާގު ސިފައިން ދިޔުމުގެ ސަބަބުންނެވެ. އެމެރިކާއިން އިރާގާ ދެކޮޅަށް ދެމުން ގެންދާ ހަމަލަތަކުންވެސް އައިއެސް ބަލިނުކުރެވެނީ އައިއެސް ބަލިކުރަން ހަގީގަތުގައި ބޭނުންނުވާތީއެވެ. މިކަމުގެ ފަހަތުގައިވެސްވަނީ ސިޔާސީ ސްޓަންޓްތައް ކަމަށް އަރަބި މުހައްލިލުން އަރަބި ބައެއް ނޫސްތަކުގައި ލިޔުއްވާފައިވެއެވެ.
އައިއެސް އަށް މާލީ ތަނަވަސްކަމާއި ޢަސްކަރީ ބާރު ލިބިގެންދިޔައީވެސް މިފަދަ ގޮތަކަށް ބައެއް ފަރާތްތަކުން އިދކޮޅު އެހެން ފަރާތްތަކަށް ސިޔާސީ ގޮތުން ލަނޑު ދިނުމަށްޓަކައި އައިއެސްއަށް އެފުރްސަތު ތަނަވަސްކޮށް ދީގެންނެވެ.
މިގޮތުން ސޫރިޔާއާއި އިރާގުގެ ބޮޑު ސަރަޙައްދެއް އައިއެސްއައިއެސް ގެ ކޮންޓްރޯލްގެ ދަށަށް ދިޔުންވެގެން ދިޔައީ ކަޅުބާޒާރުގައި ސޫރިޔާގެ ތެޔޮ ވިއްކައިގެންނާއި އިރާގާއި ސޫރިޔާގެ ބޭންކްތަކާއި މާލީ އިދާރާތަކުން ވައްކަންކޮށް އެތަންތަނުގައިވާ އެދެގައުމުގެ ރައްޔިތުންގެ ފައިސާ ލޫޓުވައިގެން މުއްސަނދިވުމުގެ ފުރްސަތު އައިއެސް އަށް ލިބިގެންދިޔަ ކަމަކަށެވެ. އައިއެސްއަކީ ޖަމާޢަތުން ކޮންޓްރޯލްކުރާ ސަރަޙައްދުތަކުގެ އާންމުންގެ އަތުންނާއި ހިނގާ ވިޔަފާރިތަކުން ބޮޑެތި ޓެކްސްތައް ނަގައި އެފައިސާ އައިއެސްގެ ލީޑަރުންގެ ނާޗަރަންގީއަށާއި ޓެރަރިސްޓް ހަރަކާތްތަކަށް ބޭނުންކުރަ ޖަމާއަތެކެވެ. ކަޅުބާޒާރުގައި ސޫރިޔާގެ ތެޔޮ ވިއްކުމުން ތުރުކީއަށާއި ހުޅަނގުގެ ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއްވެއެވެ. މިފައިދާގެ ބޮޑުބައެއް ހުޅަނގުގެ ސަރުކާރުތަކަށް ނުސީދާގޮތެއްގައި ލިބެއެވެ. އައިއެސްގެ ސަފުތަކުގައި ޖިހާދުގެ ނަމުގައި ހަނގުރާމަކުރާ މީހުންނަކީވެސް މިދެންނެވި ގޮތަށް އައިއެސްް އިން ހޯދާ ފައިސާއިން މުސާރައާއި އިނާޔަތްތައް ދީގެން ހަނގުރާމަކުރާ ފަރާތްތަކެކެވެ.
ރަމާދީ މިނިވަން ކުރެވުމަށްފަހު އިރާގު ސަރުކާރުގެ އަމާޒުހުރީ އައިއެސްގެ އަތްދަށުގައިވާ އިރާގުގެ އެހެން ރައްތައްވެސް މިނިވަން ކުރުމަށެވެ. މިއީވެސް ބޭނުންވާނަމަ އިރާގު ސިފައިންނަށް ކުރެވިދާނެ ކަމެއްކަމަށް މުހައްލިލުން ދެކެއެވެ. ( ނޫސްއެޖެންސީތައް)