31 Dec 2015, 05:02
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ހިންގާ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ އަންނަ އަހަރުގެ ހަރަކާތްތައް ފެށުމާއި އާ އަހަރާ ދިމާކޮށް މާދަމާ ރޭ ބާއްވާ ޝޯގައި ބައިވެރިވުމަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރާއްޖެ އައިސްފި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާއްސަ ދައުވަތަކަށް އާތިފް އަސްލަމް ރާއްޖެ އައިސްފައި ވާއިރު، އޭނާ ހުށަހަޅައިދޭނީ މިރޭ ގެ ޝޯ ގައެވެ.
އާތިފް އަސްލަމް އަށް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ފުރުސަތު ދިވެއްސަކަށް ދީފައި ވާއިރު، އާތިފް އަސްލަމާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ފަސް މީހަކަށް ދޭން ޕަބްލިކް ސާވިސް މީޑިއާ އިން ވަނީ ނިންމާފަ އެވެ.
އެގޮތުން އެސްއެމްއެސް ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އާތިފް އަސްލަމް އާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް ސެލްފީ ނެގުމުގެ ފުރުސަތު ދޭނީ ޝޯ ނިންމާފައި ކަމެއް ނުވަތަ ޝޯ ތެރެއިން ކަމެއް ޕީއެސްއެމް އިން އަކުން ނުބުނެ އެވެ.
އޭގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންގެ ވީއައިޕީ ޕާސް ވެސް ލިބިގެންދާނެ އެވެ. އަދި "ފޭން ޒޯން" އަށް ވަނުމުގެ ފުރުސަތު ހަތް ފަރާތަކަށް ދޭނެ ކަމަށް ވެސް ޕީއެސްއެމް އިން ބުނެ އެވެ.
އާތިފް އަސްލަމްގެ އިތުރުން ސްޓާ ޕްލަސް އިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް" އަދި "އިންޑިޔާ ގޮޓް ޓެލެންޓް" ގެ ތިން ވަނަ ސީޒަންގެ އެއްވަނަ ހޯދި ނަށާ ގްރޫޕް، "ވީ ކޮމްޕެނީ" ވެސް މިރޭގެ ޝޯގައި ހުށަހެޅުންތައް ދައްކާލާނެ އެވެ.
ޝޯއަށް ވަނުމަށް 7000 މީހުންނަށް ފުރުސަތު ލިބޭނެ ކަމަށް ޝޯ އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވާއިރު އާތިފް އަސްލަމްއާ ވީ ކޮމްޕެނީގެ ފޭނުން ރާއްޖޭގައިވެސް ވަރަށް ގިނަ އެވެ. އެހެންކަމުން މާދަމާރޭގެ ޝޯއަށް ގިނަ އަދަދެއްގެ ބަޔަކު ވަންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.